އެންދަމަން އުޅެނިކޮށް ނޮޅިވަރަމް ޒުވާނަކު ގެނބިގެން މަރުވެއްޖެ

ހދ. ނޮޅިވަރަމް ހިތަށްފިނިވާގޭ އުމުރުން 21 އަހަރުގެ އަހުމަދު މުހައްމަދު

އެންދަމަން އުޅެނިކޮށް ގެނބިގެން ހދ. ނޮޅިވަރަމްގެ ޒުވާނަކު މަރުވެއްޖެއެވެ.

އެ ހާދިސާގައި މަރުވެފައި ވަނީ ހދ. ނޮޅިވަރަމް ހިތަށްފިނިވާގޭ އުމުރުން 21 އަހަރުގެ އަހުމަދު މުހައްމަދެވެ.

އޭނާ އަކީ މާލޭގައި މަތީ ތައުލީމް ހާސިލްކުރާ ޒުވާނެކެވެ. މިހާރު ޗުއްޓީއަށް ރަށަށް ގޮސްއުޅޭ އެ ޒުވާނާ އެންދަމަން ދިޔައީ ރައްޓެހިންނާ އެކު މަޖާކޮށްލުމަށް ކަމަށް އެރަށުން "ސަން" އަށް މައުލޫމާތު ހިއްސާކުރި މީހަކު ބުންޏެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގި ކަމުގެ މައުލޫމާތު ލިބިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެ ހާދިސާގައި ކޯސްޓްގާޑްގެ އެހީތެރިކަމަށް އެދިފައިވަނީ އަހުމަދު މުހައްމަދުގެ ހާލު ދެރަވެގެން ކުޅުދުއްފުއްޓަށް ގެންދިއުމަށް ދޯނި ދަތުރުކުރަމުން ދިޔަ މަގުމަތީގައި ކަނޑުމަތިން ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗަށް ފެނިގެން މިއަދު ހަވީރު 17:00 ހާއިރު ކަމަށް އޭނާ ވިދާޅުވިއެވެ.

ހާބަރ ކްރާފްޓް ލޯންޗުގައި އެ ޒުވާނާ ކުޅުދުފުއްޓަށް ގެންގޮސްދީފައި ވަނީ 17:25 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ހާދިސާ ހިނގިއިރު ދޯނީގައި ހުރި މީހަކު ސަން އަށް ކިޔައިދިންގޮތުގައި އެ ހާދިސާ ހިނގީ އެއަތޮޅު ހިރިމަރަދޫ ބޭރުންނެވެ. މިއަދު މެންދުރުފަހު 2:00 ގައި ނޮޅިވަރަމުން ފުރައިގެން އެ ސަރަހައްދަށް ދެވުނީ 3:00 އެހައިކަންހާއިރު ކަމަށް އޭނާ ކިޔައިދިނެވެ.

އެ ހާދިސާ ހިނގިއިރު ދޯނީގައި 15 މީހުން ތިބި ކަމަށާއި އެ ޒުވާނާއާ އެކު މޫދުގައި ހަތް މީހަކު ތިބި ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

"ހާދިސާ ހިނގި ކަމަށް އަޅުގަނޑަށް ލަފާކުރެވޭގޮތް ކިޔައިދޭނަން. އެ ޒުވާނާ މޫދަށް ފައިބާފަ ދާލީ. އޭނައާއެކު މޫދުގައި ތިބި މީހުންނަށް ވެސް ނޭނގެ އޭނައަށް ކަމެއް ވެގެން އުޅޭ ކަމެއް. ފަހުން އަޅުގަނޑުމެން ބެލިއިރު، އޭނަގެ އުނަގަނޑުގައި ވަލެއް އޮޅިފައި އޮތީ،" ހާދިސާ ހިގިއިރު ދޯނީގައި ހުރި މީހަކު ކިޔައިދިނެވެ.

އެމީހާ ކިޔައިދިންގޮތުގައި އެ ޒުވާނާގެ ގައިގައި އޮޅިފައި އޮތް ވާގަނޑު ނައްޓައި ބެލިއިރު، އޭނައަށް ވަނީ ލޮނު ބޮވިފައެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ ޒުވާނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ އޭނާ ކިޔައިދިނެވެ.

comment ކޮމެންޓް