ޒަމާނީ ޓެކްނޮލޮޖީއާއެކު ކަނދުފަތި ގާއިމްކުރުމަށް ބޭރުގެ އެހީގައި މަސައްކަތް ފަށައިފި

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް: ވަޒީރު ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީއާއެކު ކަނދުފަތި ގާއިމްކުރުމަށް އެފްއޭއޯއާއެކު މިހާރު މަސައްކަތް ފަށާފައި ވާކަމަަށް -- ފޮޓޯ

އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ ކަނދުފަތި ރާއްޖޭގައި ގާއިމްކުރުމަށް އދ.ގެ ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފްއޭއޯ)ގެ އެހީއާއެކު މަސައްކަތް ފަށައިފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ އެފްއޭއޯގެ އެހީތެރިކަމާއެކު ރާއްޖޭގެ ކޮންސަލްޓެންޓުންވެސް ހިމެނޭ ގޮތަށް އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ކަނދުފަތި ގާއިމްކުރުމުގެ މަސައްކަތް ފަށާފައި ވާކަމަށް ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ ކަނދުފަތީގެ މިހާރު ބޭނުންކުރާ ޓެކްނޮލޮޖީ ބަދަލުނުކުރާތާ 40 އަހަރު ވެފައި ވާކަމާއި އެ ޓެކްނޮލޮޖީ ޒަމާނީކުރަން ޖެހޭ ކަމަށް އެފްއޭއޯގައި ފާހަގަކުރެއްވި ކަމަށެވެ. އެގޮތުން ކަނދުފަތިތައް ކަނޑައިގެންދާ މައްސަލައާއި އެކަމަށް ހައްލު ހޯދަން ޖެހޭކަމަށް ދަންނަވާފައި ވާނެކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެންނަށް މިހާރު ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި އަޅުގަނޑުމެންނަށް މި ފެންނަނީ ކަނދުފަތިތަކުގައި މަސް އަޅާ މިންވަރު މާ ދުރުގައި ތިބެގެން އެބަ ބަލާލެވޭ. މިހާރު އަޅުގަނޑުމެންގެ ހަރުކުރެވިފައި ހުރި ކަނދުފަތިތަކުގައި އެފަދަ ޓެކްނޮލޮޖީއެއް ނެތް. ކަނދުފަތި ދަށަށް އައިމަ މި އެނގެނީ، ކަނދުފަތިދަށުގަ މަސް ހުރިއްޔާ ހުރިކަން، އަދި ނެތިއްޔާ ނެތް ކަން. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް

ވަޒީރު ވިދާޅުވީ ޒަމާނާ އެކީ އީޖާދު ކުރެވޭ ބައެއްކަހަލަ ވަސީލަތްތަކާއއެކު ބައެއް ގައުމުތަކުގައި އަޅާފައި އޮންނަ ކަނދުފަތިތަކުން ދުރުގައި ތިބެ އެ ސަރަހައްދުގައި މަސް އުޅޭކަން ދެނެގަނެވޭ ކަމަށާއި އުޅޭ މަހުގެ ސައިޒުވެސް ދެނެގަނެވޭ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން ދަނީ އެފަދަ ކަނދުފަތި ބޭނުންކުރުމުގެ އަމާޒުގައި ކަމަށާއި އެ ޓެކްނޮލޮޖީ ގެނައުމަށް އެފްއޭއޯގެ އެހީތެރިކަމާ އެކު މަސައްކަތް ފަށާފައި ވާކަމަށެެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގަ އަޅުގަނޑު އެދުނީ މިއަހަރު އަޅުގަނޑު ވާހަކަ ދައްކާއިރު މި ހަފުތާގެ ތެރޭ އެކަމަށް އެފްއޭއޯއިން ބޭފުޅުން ވަޑައިގެން އަޅުގަނޑުމެންގެ ޓީމްތަކާއެކު އެބަ މަސައްކަތް ކުރޭ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް

ވަޒީރު ވިދާޅުވީ މި ބަދަލާއެކު މަސްވެރީންނަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށެވެ. މިހާރު ކަނދުފައްޗެއް ދޮށަށް ދިއުމަށް ތެޔޮ އަންދަން ޖެހޭ ކަމަށާއި ނަމަވެސް ދުރުގައި ތިބެގެން، ކަނދުފަތި ކައިރީ މަސް އުޅޭތޯ ބެލޭނަމަ ތެލަށް ކުރާ ހޭދަވެސް ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ ކަނދުފައްޗަކީ މަސްވެރީން ވަރަށް ބޮޑަށް ބަރޯސާވާ ވަސީލަތެއް ކަމަށެވެ. ކަނދުފަތި ކަނޑައިގެންދިއުމުން އޭގެ މުހިންމުކަން އިހުސާސް ކުރެވޭ ކަމަށާއި އެކަމުގެ ޝަކުވާތައް ސީދާ ވަޒީރަށް ގުޅައި ވެސް މަސްވެރިން ހިއްސާ ކުރާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ކަނދުފަތީގެ ވިއުގަޔަށް ގެންނަންޖެހޭ ބަދަލުތަކާއި، ކަނދުފަތި ހަރުކުރުމަށް ގެންނަންޖެހޭ ބަދަލުތައް ހިމެނޭހެން ދިރާސާ ކުރަމުން އަންނައިރު، އުންމީދަކީ ޒަމާނީ ކަނދުފަތިތަކަކާއެކު މަސްވެރީންނަށް ރަނގަޅު ފައިދާއެއްވުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް