މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާގެ ފަރާތުން މަސްވެރިކަމަށް އަޅާފައިވާ ކަނދުފަތިތަކަށް ބަދަލު ގެނެސް، އަމިއްލައަށް ފަރުމާ ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ، ބައެއް ފަރާތްތަކުން އަމިއްލަ ތަކެތީގައި ކަނދުފަތި ހަރުކުރަމުން ދާކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދުގެ ދަށުން، ކަނދުފައްޗަށް ގެއްލުން ދިނުމާއި، ކަނދުފަތީގެ އެއްވެސް ބައެއް ނެގުން އަދި ކަނދުފައްޗަށް ބަދަލެއް ގެނައުމަކީ މަނާކަމެކެވެ.
މަސްވެރިކަމުގެ ގާނޫނުގެ ދަށުން، އެއްވެސް ބާވަތެއްގެ ކަނދުފައްޗެއް އެޅޭނީ ފިޝަރީޒް މިނިސްޓްރީން އެ މަސައްކަތް ކުރުމަށް ހަވާލުކުރާ ފަރާތްތަކަށެވެ.
އެ ގަވާއިދު އެގޮތަށް ހިމަނާފައި ވަނީ، ކަނދުފަތީގެ މަސްވެރިކަމަކީ މަސް ގަންނަ ދުނިޔޭގެ ބާޒާރު ތަކުގައި ނުރަނގަޅު ތަސައްވަރެއް އޮތް ކަމަކަށް ވެފައި، ދިވެހިރާއްޖެއަކީ ބޭރުގެ މަސް ގަންނަ ބާޒާރުތަކަކަށް އިންތިހާއަށް ބަރޯސާވާ ގައުމަކަށް ވާތީ، ކަނދުފަތީގެ މަސްވެރިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް އޭގެ ނުރަނގަޅު އަސަރު ކުރުމުގެ ފުރުސަތު ކުޑަކުރުމަށް ކަމުގައި އެ މިނިސްޓްރީގެ އިއުލާނުގައި ބަޔާންކޮށްފައި ވެއެވެ.