އޮއެވާލި ކަނދުފަތިތަކާ ތިން މޭލު ކައިރިން ދޮށީގެ މަސްވެރިކަން ނޫން އެހެން މަސްވެރިކަން ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
އާދީއްތަ ދުވަހު ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިކަމުގެ ގަވާއިދުގެ ދަށުން، ކަނދުފަތިތަކާ ތިން މޭލު ކައިރިން ވަދު އެޅުމާއި ދިރޭ އެންޖަހައި އަޑިއަށް ފައްތައިގެން މަސްވެރިކަން ކުރުމަކީ މަނާ ކަމެއް ކަމަށެވެ.
ނަމަވެސް، މުނިފޫހި ފިލުވުމަށް މަސްވެރިކަން ކުރާ ފަރާތްތައް ކަނދުފަތިތަކާ ކައިރީގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާކަން ފާހަގަކުރިވަފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި އެކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބިފައިވާ ކަމަށް ބުންޏެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެގޮތަށް ކަންތައް ކުރާ ފަރާތްތަކާ މެދު، އެމްއެންޑީއެފް ކޯސްޓްގާޑާއި އާއި ފުލުހުންނާއި ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށެވެ.
ގަވާއިދާއި ހިލާފަށް ވަދު އެޅުމާއި ދިރޭ އެންޖަހައި އަޑިއަށް ފައްތައިގެން މަސްވެރިކަން ކުރުމުން މަސް އައިން ތިލަވުން އަދި ހިފެހެއްޓުމަށް ނޭދެވޭ އަސަރުކުރާކަމަށް ފާހަގަވެފައިވާކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.
ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި 55 އޮއެވާލި ކަނދުފަތި ގާއިމްކޮށްފައި ހުރެ އެވެ. އެ ކަނދުފަތިތައް ބެލެހެއްޓުމަށް ސަރުކާރުން ބޮޑު ހަރަދެއް ކުރެ އެވެ.