ސައުތް ކޮރެއާ-ޗައިނާ ސަމިޓުގައި ސައުތު ކޮރެއާގެ ނޫސްވެރިއަކަށް ހަމަލާދީ ޒަހަމްކޮށްފި

ދެކުނު ކޮރެއާގެ މެއިލް ބިޒްނަސް ނޫހުގެ ނޫސްވެރިއެއް ކަމަށްވާ ލީ ޗަންގް ވޫއަށް ޗައިނާގެ ސެކިއުރިޓީ ގާޑުން ހަމަލާ ދިން ކަމަށް އެނޫހުން ބުނޭ -- ފޮޓޯ: މެއިލް ބިޒްނަސް ނޫސް

ބެއިޖިން (ޑިސެމްބަރު 15): ދެކުނު ކޮރެއާ އާއި ޗައިނާގެ ގުޅުންތައް ވަރުގަދަ ކުރުމަށް ޓަކައި އިއްޔެ ބެއިޖިންގައި ބޭއްވި ސަމިޓެއްގައި ދެކުނު ކޮރެއާގެ ނޫސްވެރިއަކަށް ހަމަލާދީ ޒަހަމްކޮށްފި އެވެ.

ދެކުނު ކޮރެއާގެ މެއިލް ބިޒްނަސް ނޫހުގެ ނޫސްވެރިއެއް ކަމަށްވާ ލީ ޗަންގް ވޫއަށް ހަމަލާ ދިނީ ދެ ގައުމުގެ ވިޔަފާރީގެ ގުޅުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއްގަ އެވެ.

ކޮރެއާގެ މީޑިއާތަކުން ބުނި ގޮތުގައި ދެ ގައުމުގެ ރައީސުން ބައިވެރިވެ ވަޑައިގެންނެވި އެސަމިޓު ތެރޭގައި ޗައިނާގެ ސެކިއުރިޓީ ގާޑުން ދިޔައީ ދެކުނު ކޮރެއާގެ ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅަމުންނެވެ. އަދި ނޫސްވެރިން އެކަމާ ބެހޭ ގޮތުން ނުރުހުން ފާޅު ކުރުމުން އެމީހުންނަށް ހަމަލާ ދިނީ ކަމަށް މެއިލް ބިޒްނަސް ނޫހުން ބުންޏެވެ.

ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިން (ވ) އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން (ކ) ބެއިޖިންގައި އޮތް ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: އޭއެފްޕީ

މީގެ އިތުރުން، ކޮރެއާގެ ޔޮންހަޕް ނޫހުން ރިޕޯޓު ކުރި ގޮތުގައި ލީއަށް ދިން ހަމަލާގައި ޗައިނާގެ 15 ސެކިއުރިޓީ ގާޑުން ބައިވެރިވެފައިވެ އެވެ. އަދި އޭނާގެ އިތުރުން ދެކުނު ކޮރެއާގެ ފޮޓޯގްރާފަރަކަށް ވެސް ސަމިޓުގައި ހަމަލާދިން ކަމަށާއި ލީއަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.

އެހާދިސާއާ ގުޅިގެން ދެކުނު ކޮރެއާއިން ވަނީ އެމައްސަލަ ތަހުގީގު ކުރަން ޗައިނާއަށް ގޮވާލާފަ އެވެ. އަދި ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ އެހާދިސާގައި އެއްވެސް ނޫސްވެރިއަކަށް އަނިޔާވެފައިވާ ނަމަ އެއީ އެގައުމުން ކަންބޮޑުވާ ކަމެއް ކަމަށް ބުނެފަ އެވެ.

ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިން ޗައިނާއަށް ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅަކީ މިދިޔަ މޭ މަހު އޭނާ ވެރިކަމަށް އިންތިހާބުވި ފަހުން އެގައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. (ސީއެންއެން)

comment ކޮމެންޓް