އެއް ގައުމަކުން އަންނަ ފަތުރުވެރިން މަދުވާ ވަރަކަށް، އެހެން ގައުމުތަކުން އިތުރު ވާނެ: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ރާއްޖެ ބަނގުރޫޓުވެފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތައް އިކޮނޮމިކް މިނިސްޓްރީން ވަނީ ދޮގުކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

އެއް ގައުމަކުން ރާއްޖެ އަންނަ ފަތުރުވެރިން މަދުވާ ވަރަކަށް، އެހެން ގައުމުތަކުން ފަތުރުވެރިން އަންނަލެއް އިތުރުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ، ތުރުކީގެ ޓީއާރުޓީ ވޯލްޑް ނޫހަށް ދިން އިންޓަވިއުއެއްގައި ރާއްޖެއިން ވާދަވެރި އިންޑިއާއި ޗައިނާގެ އެކުވެރިއަކަށް ވެވިދާނެތޯ ކުރި ސުވާލަކާ ގުޅިގެންނެވެ.

އޭނާ ވިދާޅުވީ، ރާއްޖެއަކީ މިހާރު ވެސް ޗައިނާ އާއި އިންޑިއާ އާ އެކުވެރި ގައުމެއް ކަމަށެވެ. އަދި ރާއްޖެއަކީ ހުރިހާ ގައުމަކާ ވެސް އެކުވެރި ގައުމެއް ކަމަށް ސައީދު ވިދާޅުވިއެވެ.

"އަހަރެމެން މީ މުޅި ދުނިޔެއަށް ހުޅުވާލާފަ އޮތް ފަތުރުވެރި ގައުމެއް. ފަތުރުވެރި ގައުމެއްގެ ގޮތުން ޗައިނާ އަދި އިންޑިއާއިން ވެސް އަހަރެމެން ބަލައިގަނޭ،" އޭނާ ވިދާޅުވިއެވެ.

އެހެން އަހަރުތަކާ އަޅާބަލާއިރު މިއަހަރު މިހާތަނަށް އިންޑިއާއިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވެ، އެކަން ނޫސްތަކުގެ ފަލަ ސުރުހީން ފެނުނު ކަމަށް ސައީދު ވިދާޅުވިއެވެ.

ނަމަވެސް އެއް ގައުމަކުން އަންނަ ފަތުރުވެރިން މަދުވާ ވަރަކަށް އެހެން ގައުމުތަކުގެ މާކެޓު އިތުރުވާނެކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން ކޮވިޑުގެ ކުރީގައި ޗައިނާ މާކެޓަކީ ރާއްޖޭގައި އެއްވަނަ މާކެޓު ކަމަށާއި އޭގެ ފަހުން މި އަހަރު ޗައިނާ މާކެޓު ރާއްޖޭގެ އެއްވަނަ މާކެޓަށް ވެފައި ވާކަން ސައީދު ފާހަގަ ކުރެއްވިއެވެ.

އަދި އިންޑިއާއިން ރާއްޖެއަށް ގަޑިއިރަކުން ގަޑިއިރަކަށް ފްލައިޓުތައް ބާއްވާކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ، ދުނިޔޭގައި ހިނގާ ހަނގުރާމަތަކުގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ ކަމަށެވެ. އެހެން ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާއަށް މިއަހަރު ރަނގަޅު ކުރިއެރުމެއް އަންނާނެކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަހަރު މިހާތަނަށް ފަސް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ. މިއީ އެހެން އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް. އެހެންވީމަ މިއަހަރު 2.4 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް ބެލެވޭ،" ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިތުރު ގައުމުތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރަން ވެސް މިހާރު ފަށާފައި ވާކަމަށެވެ. އޭގެ ތެރޭގައި ޗައިނާގެ އާ އެއާލައިންތައް، މެލޭޝިއަން އެއާލައިން އަދި ވާޖިން އެޓްލާންޓިކް ހިމެނޭ ކަމަށް ސައީދު ވިދާޅުވިއެވެ.

މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ، 209،198 މީހުންނާ އެކު އިންޑިއާއިންނެވެ.

ނަމަވެސް، މި ސަރުކާރުގެ ތިން ނައިބު ވަޒީރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ވާހަކަދެއްކެވި މައްސަލައިގައި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އަރައިރުންތަކެއް ހިނގައި، ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް އިންޑިއާގައި ކެމްޕެއިނެއް ހިންގިއެވެ.

https://sun.mv/189740

އޭގެ ސަބަބުން ރާއްޖެ އަންނަ އިންޑިއާގެ ފަތުރުވެރިން މަދުވެ، ގައުމަށް ދެ ބިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓޫރިޒަމް ސިނާއަތުގެ އިސް ބައެއް ތަޖުރިބާކާރުން ވަނީ ލަފާކުރައްވައިފައެވެ.

އިންޑިއާ ފަތުރުވެރިން ރާއްޖެ އައުން މަދުވެ އިންޑިއާ މާކެޓު ދަށްވެފައިވާ މި ދަނޑިވަޅުގައި ޗައިނާ ފަތުރުވެރިން އިތުރުކުރަން ވެސް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

https://sun.mv/187312

އެގޮތުން މިއަހަރު ޗައިނާ މާކެޓު 40 ޕަސަންޓު ކުރި އަރާނެ ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު ވަނީ ލަފާކުރައްވާފައެވެ.

comment ކޮމެންޓް