އެމެރިކާގައި ބައިބައިވުން އުފައްދަން ޗައިނާއިން އޭއައި ބޭނުންކުރޭ: މައިކްރޮސޮފްޓް

މައިކްރޯސޮފްޓް -- އެންމެވަރުގަދަ އެއް ޓެކް ކުންފުނި

އެމެރިކާ އާއި އެހެން ގައުމުތަކުގައި ބައިބައިވުން އުފައްދަން ޗައިނާއިން އަންނަނީ އޭއައި ޖެނެރޭޓެޑް ކޮންޓެންޓާއި ފޭކް ސޯޝަލް މީޑިއާ އެކައުންޓްތައް ބޭނުންކުރުން އިތުރުކުރަމުން އަންނަ ކަމަށް މައިކްރޮސޮފްޓްގެ ތްރެޓް ސެންޓަރުގެ އެންމެ ފަހުގެ ރިޕޯޓުން ދައްކައިފިއެވެ.

މައިކްރޮސޮފްޓް ތްރެޓް އެނަލިސިސް ސެންޓަރުގެ ޖެނެރަލް މެނޭޖަރު ކްލިންޓް ވޮޓްސް ބުރާސްފަތި ދުވަހުގެ ރޭ ނެރުއްވި ރިޕޯޓެއްގައި ވިދާޅުވެފައިވަނީ ބެއިޖިންއިން މިފަދަ ބައިބައިވުން އުފެއްދުމުގެ އަމާޒުތައް ދެގުނައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ވޮޓްސްގެ ރިޕޯޓުގައި ބުނެފައި ވަނީ ޗައިނާއިން ފޭކް ސޯޝަލް މީޑިއާ އެކައުންޓްތައް ހަދަނީ ފިތުނަފަސާދާއާއި، ބައިބައިވުން އުފައްދައި، އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް ޓަކައި ވޯޓުލާ މީހުން އެންމެ ބޮޑަށް ބައިބައިވާ ސަބަބުތަކާ ބެހޭ ގޮތުން ނުތަނަވަސްކަން އުފެއްދުމަށް ކަމަށެވެ.

ވޮޓްސް ލިޔުއްވާފައިވާ ގޮތުގައި، އެމެރިކާގެ ދާޚިލީ މައްސަލަތަކާ ބެހޭ ގޮތުން ޚިޔާލުތަފާތުވުންތައް އުފައްދައި، އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން، އެމެރިކާގެ ވޯޓްލާމީހުންގެ ބޮޑުއާބާދީއަށް ޗައިނާއިންވަނީ އަމާޒު ހިފާފައެވެ. އެގޮތުން އެންމެ ބައިބައިވުން އުފެދޭ މައުޟޫތަކަކީ ކޮބައިކަން ބަލައި، ރަނގަޅަށް ދެނެގަތުމަށް އޭއައި ބޭނުންކޮށްގެން ޗައިނާއިން މަސައްކަތްކުރާ ކަމަށެވެ.

އެހެންނަމަވެސް އެ ރިޕޯޓުގައި ބުނެފައި ވަނީ ނުފޫޒު ފޯރުވުމުގެ އޮޕަރޭޝަންތަކުން މިހާތަނަށް ހިޔާލުތައް އޮޅުވާލުމުގައި ކާމިޔާބެއް ލިބިފައިވާ ކަމުގެ ހެއްކެއް ނެތް ކަމަށެވެ.

ޗައިނާ ސަރުކާރާ "ގުޅިފައިވާ" ސޯޝަލް މީޑިއާ އެކައުންޓްތަކުން 2022 ވަނަ އަހަރުގެ މިޑްޓާމް އިންތިހާބަށް ނުފޫޒު ފޯރުވުމަށް އެމެރިކާގެ ވޯޓާސް ނަކަލުކުރުމަށް ސޯޝަލް މީޑިއާ އެކައުންޓްތައް ބޭނުންކޮށްފައިވާ ކަމަށް އެ ތްރެޓް ސެންޓަރުން މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ރިޕޯޓްކޮށްފައެވެ.

ވޮޓްސް ލިޔުއްވާފައިވާ ގޮތުގައި މި ހަރަކާތް ކުރިއަށް ގޮސްފައިވާއިރު، މި އެކައުންޓްތަކުން ޝެއާކޮށްފައިވަނީ އެމެރިކާގެ ދާޚިލީ މައްސަލަތަކުގެ ތެރޭގައި ދުނިޔެ ހޫނުވުމާއި، އެމެރިކާގެ ބޯޑަރު ސިޔާސަތުތަކާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، އިމިގްރޭޝަނާއި، ނަސްލީ ނުތަނަވަސްކަން ފަދަ މައްސަލަތަކާ ބެހޭ ގޮތުން ގާތްގަނޑަކަށް އެކްސްކްލޫސިވްކޮށް ލިޔެފައިވާ ލިޔުންތަކެކެވެ.

"އޮރިޖިނަލް ވީޑިއޯއާއި، މީމްސް އަދި އިންފޯގްރެފިކްސްގެ އިތުރުން އެހެނިހެން ހައި ޕްރޮފައިލް ޕޮލިޓިކަލް އެކައުންޓްތަކުގެ ރިސައިކަލް ކޮންޓެންޓް ވެސް އެ މީހުން ބޭނުން ކުރޭ" އެރިޕޯޓްގައި ބުނެފައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ހާއްސަކޮށް އިންޑިއާ، ދެކުނު ކޮރެއާ އަދި އެމެރިކާގައި މި އަހަރު ބޮޑެތި އިންތިހާބުތަކެއް ބާއްވަމުން އަންނައިރު، އޭއައި އުފައްދާ ކޮންޓެންޓް މެދުވެރިކޮށް އެ އިންތިޚާބުތަކަށް ނުފޫޒުފޯރުވަން ޗައިނާއިން މަސައްކަތްކުރާކަމަށް ވެސް ވޮޓްސް ލިޔުއްވާފައިވެއެވެ.

މައިކްރޮސޮފްޓްގެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ޗައިނަގެ އިތުރުން އުތުރު ކޮރެއާއިންވެސް ވަނީ އޭއައި ބޭނުންކޮށްގެން ކްރިޕްޓޯކަރަންސީ ވަގަށް ނެގުމާއި ސަޕްލައި ޗެއިންތަކަށް ހަމަލާދީ އަސްކަރީ އިންޓެލިޖެންސް އިތުރަށް ހަރުދަނާގޮތެއްގައި އެއްކުރަން ފަށައިފައެވެ.

comment ކޮމެންޓް