އިންސާނީ ހައްގުގެ ވާހަކަ ދެއްކުމުން ޔޫއޭއީން އދ.ގެ ހިއުމަން ރައިޓްސް ބައްދަލުވުމުން ދޫކޮށް ހިނގައްޖެ

ޔޫއޭއީ. އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުން ބުނީ ޔޫއޭއީން އިންސާނީހައްގުތަށް ނިގުޅައިގެންފައިވާ ކަމަށް--ފޮޓޯ: ރޮއިޓާސް

އަބޫ ދާބީ (14 ޑިސެމްބަރު): އދ. ގައި ކުރިއަށް ދިޔަ ހިއުމަން ރައިޓްސްގެ ބައްދަލުވުމެއްގައި، މަދަނީ ޖަމިއްޔާތަކުން ޔޫއޭއީގައި އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމަށް ބުނެ ވާހަކަދެއްކުމުން، އެގައުމުގެ ވަފުުދުން އެބައްދަލުވުން ދޫކޮށް ގޮސްފިއެވެ.

ސްވިޒަލެންޑްގެ ޖެނީވާގައި ބޭއްވި އެ ބައްދަލުވުމުގައި، މަދަނީ ޖަމިއްޔާތަކުން ވަނީ ޔޫއޭއީން ދެމުންގެންދާ އަނިޔާގެ މައްސަލަތައް ހެއްކާއި ގަރިނާއާއެކު ޔޫއޭއީގެ އޮފިޝަލުންނަށް ދައްކައިލައިފައެވެ.

ކޮންމެ އަހަރަކުވެސް އދ.އިން އެ ޖަމިއްޔާގެ 48 މެމްބަރު ގައުމުތަކުގެ މެދުގައި އިންސާނީ ހައްގުތަކުގެ ހާލަތު ރިވިއުކޮށް ހަދައެވެެ.

އެ ބައްދަލުވުމުގައި އިނގިރޭސިވިލާތުގެ އިންޓަނޭޝަނަލް ކެމްޕެއިން ފޯ ފްރީޑަމް އިން ޔޫކޭ އަދި އަލް- ކަރާމާ ގްރޫޕުން ވަނީ ޔޫއޭއީގައި ހިނގަމުންދާ އިންސާނިއްޔަތާ ހިލާފު އަމަލުތަކާމެދު ކަންބޮޑުވުން ފާޅުކޮށް ޔޫއޭއީގެ އދ. އާ ބެހޭ ސަފީރު އަހުމަދު އަވާދާ ސުވާލުކޮށްފައެވެ.

އެކްޓިވިސްޓުން ބުނީ ޔަމަނުގެ ޖަލުތަކުގައި އަނިޔާކޮށް، ސިޔާސީ ވާދަވެރިން ޖަލަށް ލުމުގެ އިތުރުން ހިޔާލުފާޅުކުރުމުގެ މިނވަންކަން ވެސް ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަަމުން ކަމަށެވެ.

އަވާދު ވަނީ އެކްޓިވިސްޓުންގެ ސުވާލުތަކަށް ރައްދު ނުދީ އެ ބައްދަލުވުން ދޫކޮށް ގޮސްފައެވެ. އަވާދު ވިދާޅުވީ އެ އެކްޓިވިސްޓުންނާ ވާހަކަދެއްކުމަކީ ބޭކާރު ކަމެއް ކަމަށެެވެ.

ޔޫއޭއީގައި އިންސާނީ ހައްގުތައް ކަންބޮޑުވާންޖެހޭ މިންވަރަކަށް ގޯސް ވެފައިވާ ކަމަށް އެކްޓިވިސްޓުން ފާހަގަކުރިއިރު ޔޫއޭއީން ދަނީ ސައުދީއާ ގުޅިގެން ޔަމަނަށް ވަރަށް ގިނައިން ހަމަލާތައް ދެމުންނެވެ. ޔަމަނުގެ އެކްޓިވިސްޓުން ބުނާގޮތުގައި ޔޫއޭއީން ދަނީ އެގައުމުގައި ސިއްރު ޖަލުތައް ހިންގައި އެގައުމުގެ ރައްޔިތުންނަށް ބޮޑެތި އަނިޔާތައް ދެމުންނެވެ.

މަސްދަރު: އަލްޖަޒީރާ

comment ކޮމެންޓް