ހަނގުރާމަ ހުއްޓުވުމަށް ކަމަށްބުނެ އެމެރިކާއިން ހުށަހެޅި ގަރާރު ރަޝިޔާއާއި ޗައިނާއިން ވީޓޯކޮށްފި

އދ.ގެ ސަލާމަތީ މަޖިލީހުން މި މަހުގެ 22 ވަނަ ދުވަހު ބޭއްވި ބައްދަލުވުން -- ފޮޓޯ/އަލް ޖަޒީރާ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމާ ގުޅޭގޮތުން އެމެރިކާއިން އދ.ގެ ސަލާމަތީ މަޖީލީހަށް ހުށަހެޅި ގަރާރު ރަޝިޔާއާއި ޗައިނާއިން ވީޓޯކޮށްފިއެވެ.

އެމެރިކާއިން އެގޮތަށް ހުށަހެޅި ނަމަވެސް ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާއިން އިސްރާއީލަށް ބާރުނާޅާ ކަމަށާއި އެމެރިކާއިން ދުނިޔެއަށް ދައްކަނީ މުނާފިގު މަންޒަރެއް ކަމަށް ރަޝިޔާއިން ވަނީ ތުހުމަތުކޮށްފައެވެ.

މިއީ އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލައި އެމެރިކާއިން ހުށަހެޅި ފުރަތަމަ ގަރާރެވެ.

ރަޝިޔާ އާއި ޗައިނާއިން އެ ގަރާރު ވީޓޯ ކުރިއިރު، އަލްޖީރިއާއާއި ގުއާނާއިން ވެސް ވަނީ އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދީފައެވެ. ސަލާމަތީ މަޖިލީހުގެ އަނެއް 11 މެންބަރު ގައުމުން ވަނީ ހުށަހެޅުމާ އެއްކޮޅަށް ވޯޓު ދީފައެވެ. އޭގެތެރޭގައި ދާއިމީ މެންބަރުން ކަމަށްވާ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތްވެސް ހިމެނެއެވެ.

އެމެރިކާގެ އެ ހުށަހެޅުމާ ގުޅިގެން ރަޝިޔާގެ ސަފީރު ވަސިލީ ނެބެންޒިއާ ވިދާޅުވީ އިސްރާއީލު ހުއްޓުވުމަށް އެމެރިކާއިން އެއްވެސް ކަމެއް ނުކުރާ ކަމަށާއި މި ދުނިޔެއިން ޣައްޒާ ގާތްގަނޑަކަށް ފޮހެވިފައިވާ ކަމަށެވެ.

ގަރާރަށް ވޯޓު ނުދިނީ އޭގައި ބޭނުންކޮށްފައިވަ އިބާރާތާ ހެދި ކަމަށް ޗައިނާގެ މަންދޫބު ޒާންގް ޖޫންވެސް ވިދާޅުވިއެވެ.

އެ ގަރާރަކީ އެމެރިކާއިން މީގެކުރިން ވީޓޯކޮށްފައިވާ ދެ ގަރާރާވެސް ތަފާތު ގަރާރެއް ކަމަށާއި އޭގައި ގޮވައިލައިފައިވަނީ އާންމުން ހިމާޔަތް ކުރުމަށް ހަނގުރާމަ ހުއްޓައިލުމަށް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އެއާ ޚިލާފަށް ކުރީގެ ދެ ގަރާރުގައިވެސް ގޮވައިލައިފައިވަނީ އެއްވެސް ޝަރުތަކާނުލައި ހަނގުރާމަ ހުއްޓައިލުމަށެވެ. އެ ދެ ގަރާރުވެސް އެމެރިކާއިން ވަނީ ވީޓޯކޮށްފައެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވަނީ ގަރާރު ވީޓޯކުރުމުން ރަޝިޔާ އާއި ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ގަރާރަށް ބޮޑު ތާއީދެއް އޮތް ކަމަށާއި މުޅި ދުނިޔެއިން ވެސް އެދެނީ ވީހާ އަވަހަކަށް ހަމަލާތައް ހުއްޓުވޭނެ ގޮތެއް ކަމަށެވެ.

comment ކޮމެންޓް