އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދޭން އެމެރިކާއިން ހުރަސްއެޅުމުން އެކަމުގެ މާޔޫސްކަން ރާއްޖެއިން ފާޅުކޮށްފިއެވެ.
ފަލަސްތީނަށް އދ. ގެ މެންބަރުކަން ދިނުމަށް ހުށަހެޅި ހުށަހެޅުން އެމެރިކާއިން އިއްޔެ ވަނީ ވީޓޯ ކޮށްލާފައެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގައި، ފަލަސްތީނަށް މެންބަރުކަން ދިނުމަށް އިއްޔެ ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އދ. ގެ 140 އަށް ވުރެ ގިނަ ގައުމުތަކާ އެކު ރާއްޖެއިން ވަކަލާތު ކުރަނީ، ފަލަސްތީނަކީ އދ. ގެ ފުރިހަމަ މެންބަރު ގައުމަކަށް ހެދުމަށް ކަމަށެވެ.
އދ. އިން ހަމަހަމަކަމާއި އިންސާފު ހުރިހާ ގައުމަކަށް ދެމެހެއްޓުމަކީ މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"އިންސާފާއި ހަމަހަމަކަން ދިނުމުގެ އުސޫލުތައް އދ. އިން ދެމެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް،" ޒަމީރު ވިދާޅުވިއެވެ.
ރައީސް އޮފީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ޕްރިންސިޕަލް ސެކްރެޓަރީ މުހައްމަދު ނަސީރު އިއްޔެ ވަނީ އެ މަޖިލީހުގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވާފައެވެ. އޭނާގެ ވާހަކައިގައި ރާއްޖެއިން ވަކާލާތު ކުރަނީ ފަލަސްތީނަކީ އދ. ގެ ފުރިހަމަ މެންބަރު ގައުމަކަށް ހެދުމަށް ކަމަށާއި އެފަދައިން މަސައްކަތް ކުރުމަށް އދ. ގެ 192 ގައުމަށް ވެސް ގޮވާލާކަމަށް ވަނީ ވިދާޅުވެފައެވެ.
އދ ގެ ސަލާމަތީ މަޖިލީހުގެ އެޖެންޑާގައި މި މައްސަލަ އޮންނަނީ އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާ މެދު ބައިނަލްއަގުވާމީ ގާނޫނާ ޚިލާފަށް ހިންގާ އަމަލުތަކުގެ ސަބަބުން ކަމަށް ނަސީރު ވިދާޅުވިއެވެ. ނަމަވެސް، މަޖިލީހުން މިކަން ހުއްޓުވުމަށް ފެއިލްވެފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެހެންވެ، ފަލަސްތީނާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ ހަރަކާތްތައް ހުއްޓުވޭނީ، އިސްރާއީލަށް ހަތިޔާރު ވިއްކުން މަނާކޮށް، ފަލަސްތީނަކީ އދ. ގެ މެންބަރު ގައުމަކަށް ހަދާ އެ ގައުމުގެ މިނިވަންކަމަށް އަޑު އުފުލައިގެން ކަމަށް ނަސީރު ވިދާޅުވިއެވެ.
ފަލަސްތީނަށް އދ.ގެ އޮބްޒާވަރެއްގެ ދަރަޖަ ލިބުނީ ވެސް 2012 ވަނަ އަހަރުއެވެ. އދ. ގެ ފުރިހަމަ މެންބަރުކަން ހޯދަން ފަލަސްތީނުން ފުރަތަމަ ހުށަހެޅީ 2011 ވަނަ އަހަރުއެވެ.