ރާއްޖެ އާއި އިންޑިއާ ގުޅިގެން އަސްކަރީ ތަމްރީނުތަކެއް އިންޑިއާގައި ބާއްވަނީ

ހަތިޔާރާއި ގޮވާތަކެތި ބޭނުން ކޮށްގެން ރާއްޖޭގެ ދިފާއީ ބާރު އެމްއެންޑީއެފްއިން ކޮންމެ އަހަރަކު ހިންގާ އަސްކަރީ ތަމްރީން، "ރަންނަމާރި ހަންޓް"ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެ އާއި އިންޑިއާގެ އަސްކަރިއްޔާއާ ގުޅިގެން އިންޑިއާގައި އަސްކަރީ ތަމްރީނުތަކެއް ފަށަން ހަމަޖައްސައިފި އެވެ.

ޕޫންގައި ހުންނަ ސައުތާން ކޮމާންޑް ހެޑްކުއާޓަރުން ނެރުނު ނޫސްބަޔާނަކާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، "އެކުވެރިން"ގެ ނަމުގައި މާދަމާ އިން ފެށިގެން 14 ދުވަހުގެ މުއްދަތައް ކުރިއަށްދާ އެ ތަމްރީންތައް ކުރިއަށްދާނީ އިންޑިއާގެ ކަރްނަޓާކާ ސްޓޭޓްގެ ބެލްގަމްގަ އެވެ.

އެ ތަމްރީން ޕްރޮގްރާމުގެ ބޭނުމަކީ ކައުންޓާ ޓެރަރިޒަމާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކާ ގުޅޭގޮތުން ދެ ގައުމުގެ ސިފައިން ގެންގުޅޭ އުސޫލުތަކާ ގުޅޭ ތަޖުރިބާ ހިއްސާ ކުރުމެވެ.

އިންޑިއާ އާއި ރާއްޖޭގެ އަސްކަރިއްޔާއާ ގުޅިގެން ދޭތެރެ ދޭތެރެއިން އަންނަނީ އަސްކަރީ ތަމްރީނުތަކެއް ހިންގަމުންނެވެ. އެގޮތުން ދެ ގައުމު ގުޅިގެން އެންމެ ފަހުން އަސްކަރީ ތަމްރީނެއް ހިންގާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ލ. ކައްދޫގަ އެވެ.

comment ކޮމެންޓް