ރާއްޖެއާ އޮންނަ ގުޅުން ބަދަހި ކުރާނެ ކަމަށް އިންޑިއާގެ ކޮންގްރެސް ޕާޓީގެ މެނިފެސްޓޯގައި ހިމަނައިފި

ރާއްޖެއާއި ޗައިނާއާއިއެކު އިންޑިއާއިން އޮންނަ ގުޅުން ރަގަޅު ކުރުމަށް އިންޑއާގެ ކްންރެސް ޕާޓިގެ މެނިފެސްޓޯގައި ވަނީ ހިމަނައިފައި. ފޮޓޯ/ދަ އިންޑިއަން އެކްސްޕރެސް

ދިވެހިރާއްޖެއާއި ޗައިނާއާ އިންޑިއާގެ ގުޅުން ހީނަރުވެފައި ވާތީ އެ ގުޅުން ރަނގަޅު ކުރުމަށް އިންޑިއާގެ ކޮންގްރެސް ޕާޓީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

ކޮންގްރެސް ޕާޓީން، އިންޑިއާ ލޮކް ސަބާ ނުވަތަ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެއަށް ހުށަހެޅި މެނިފެސްޓޯގައި ވަނީ ކޮންގްރެސް ޕާޓީއަށް ވެރިކަން ލިބިއްޖެ ނަމަ، އިންޑިއާއާ އެންމެ އަވައްޓެރި ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް އިތުރު ސަމާލުކަމެއް ދޭނެ ކަމަށެވެ.

އެގޮތުން ކުރިން އިންޑިއާ އާއި ޗައިނާގެ އަސްކަރިއްޔާއިންވެސް ޕެޓްރޯލް ކުރި ސަރަހައްދުތަކަށް އަނެއްކާވެސް އިންޑިއާ ސިފައިންނަށް ވަދެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށާއި އެކަމާ ގުޅިގެން ޗައިނާއާއެކު ދަމަހައްޓަންޖެހޭ ގުޅުންތައް ދަމަހައްޓާނެ ކަމަށް މެނިފެސްޓޯގައި ބުނެފައިވެއެވެ.

"ކޮންގްރެސް އިން އަޅުގަނޑުމެންގެ ގާތް އަވަށްޓެރިންނަށް ބޮޑު ސަމާލުކަމެއް ދޭނަން. ނޭޕާލާއި ބޫޓާނާ އެކު އޮންނަ ހާއްސަ ގުޅުންތަކުގެ ޕްރައިމަސީ އަލުން ގާއިމްކޮށް، ދެފަރާތުގެ ގުޅުން ހަރުދަނާ ކުރާނަން. ދެކުނު އިރުމަތީ އޭޝިއާގައި އޮތް އެންމެ އާބާދީބޮޑު ދެ ގައުމު ކަމަށްވާ އިންޑިއާއާއި ބަންގްލަދޭޝްއާ ދެމެދު އިގްތިސާދީ އަދި ސަގާފީ ގުޅުންތައް އިތުރުކުރާނަން." ކޮންގްރެސް އިން މެނިފެސްޓޯގައި ވައުދުވެފައިވެއެވެ.

ސްރީ ލަންކާއާއި އިންޑިއާއާ ދެމެދު އޮތް ސިޔާސީ އަދި ވިޔަފާރީގެ ގުޅުން އަލުން އާލާކުރުމަށާއި، ހާއްސަކޮށް ތަމަޅައިންނާއެކު ލަންކާގެ ސިޔާސީ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދިނުމަށް މަސައްކަތްކުރާނެ ކަމަށްވެސް ކޮންގްރެސްގެ މެނިފެސްޓޯގައި ބުނެފައިވެއެވެ. އަދި މިޔަންމާގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރުމަށާއި، ނޭޕާލާއި ބޫޓާނަށް އިސްކަން ދޭނެ ކަމަށް މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

މި މަހުގެ 19 ވަނަ ދުވަހު ބާއްވާ އިންޑިއާގެ އާންމު އިންތިހާބުގައި ގިނަ ގޮނޑިތަކަކަށް ކޮންގްރެސް އިން ވާދަކުރެއެވެ.

އިންޑިއާއަށް ވަރަށް ބޮޑަށް ބަރޯސާވެގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ހިންގަމުން ގެންދެވި ވެރިކަން ނިމި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ރާއްޖެއާއި އިންޑިއާގެ ގުޅުން ވަނީ ހީނަރުވެފައެވެ. އަދި މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރު އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއަށް ކުޑާމީސްކޮށް ދެއްކި ވާހަކަތަކެއްގެ ސަބަބުން އިތުރަށް ގުޅުން ގޯސްވެގެން ދިޔައެވެ.

comment ކޮމެންޓް