އިންޑިއާ ސިފައިންގެ ދެވަނަ ގްރޫޕު ރާއްޖެއިން ހިނގައްޖެ

އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރު -- ފޮޓޯ: އެމްއެންޑީއެފް

އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވައިލުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން އެއްބަސްވެފައިވާ ގޮތުގެ މަތިން، ރާއްޖެއިން ފައިބަން ހަމަޖެހިފައިވާ ދެވަނަ ގްރޫޕު މި މަހު ނުވަވަނަ ދުވަހު ރާއްޖެ ގޮސްފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ މިރޭ އައްޑޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނު ކުރިން ވިދާޅުވި ގޮތަށް ރާއްޖެއާ އިންޑިއާއާ ދެމެދު ވެފައި އޮތް އެއްބަސްވުމާ އެއްގޮތަށް ސިފައިން ފޭބުމުގެ މަސައްކަތް ހިނގަމުން އަންނަކަމަށެވެ.

އެންމެ ފުރަތަމަ ރާއްޖެއިން ގެންދިޔައީ އައްޑޫގައި ތިބި 25 ސިފައިންނެވެ.

މީގެ އިތުރުން ލ. ކައްދުއާއި ހދ. ހަނިމާދޫގައި ވެސް އިންޑިއާ ސިފައިން ތިއްބެވެ. އެ ތަންތަނުގައި ތިބި ސިފައިން ގެންދާނީ މޭ 10ގެ ކުރިންނެވެ.

މީގެ ކުރިން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ، ދެ ގައުމުގެ ސަރުކާރުން މަޝްވަރާކުރުމަށްފަހު އެއްބަސްވީ، އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ތިން ވައިގެ އުޅަނދެއްގެ އޮޕަރޭޝަނަށް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ތެރެއިން އެއް ބަޔަކު، މިދިޔަ މަހުގެ 10ވަނަ ދުވަހުގެ ކުރިން ރާއްޖެ ގެންދިއުމަށް ކަމަށެވެ.

އަދި ބާކީ ސިފައިން މޭ މަހުގެ 10ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ގެންދިއުމަށް އެއްބަސްވެވިފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާނެ ކަމުގެ ރިޔާސީ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސްވަނީ، ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ޖެހިގެން އައި ދުވަހު، އިންޑިއާ ސިފައިން އަނބުރާ ގެންދަން ރަސްމީކޮށް އެ ގައުމުގައި އެދިވަޑައިގެންފައެވެ.

comment ކޮމެންޓް