ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 49 ވަނަ ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބުން ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗުން މޮޅުވެ މޯލްޑިވިއަން ޗެމްޕިއަންކަން ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މޯލްޑިވިއަނުން މެޗުގެ ސެޓުތައް ދިޔައީ 25-22، 21-25، 25-22 އަދި 25-23 އިންނެވެ.
ރޭގެ މޮޅާ އެކު އެއް ވަނަ މަގާމްގައި މޯލްޑިވިއަން އަށް ޖުމްލަ 20 ޕޮއިންޓް ލިބުނު އިރު މެޗުން ބަލިވި ސިފައިންނަށް ލިބުނީ 15 ޕޮއިންޓާ އެކު ދެ ވަނަ އެވެ. އަދި ތިން ވަނާގައި އޮތް ސީލައިފް ސްޕޯޓްސް ކްލަބަށް އަށް ޕޮއިންޓް ލިބިފައި އޮތް އިރު، ހަތަރެއްގައި އޮތް ޕޮލިހަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.
މިމުބާރާތުގެ ފިރިހެން ޑިވިޝަނުން އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާގެ ހުސެއިން ރައްޒާން އެވެ. ފިރިހެން ބައިން ފެއާ ޕްލޭ ޓީމަކަށް ހޮވުނީ މޯލްޑިވިއަން އެވެ. އަދި އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް މޯލްޑިވިއަންގެ މުރާދު އެވެ.
މިމުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ފުވައްމުލަކަށް ނިސްބަތްވާ މިސްކިތްމަގު އެންމެންގެ ގުޅުމުންނެވެ. އަންހެން ބައިގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ވެސް މޯލްޑިވިއަން ޓީމުގެ އައިމިނަތު ރިޔާޝާ އެވެ. އަދި އަންހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކަށް އިސްމާއިލް ރިފާއު (ޗިޗޫ) ހޮވުނު އިރު، ފެއާ ޕްލޭ ޓީމަކީ ޕޮލިހެވެ.