އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ދާދު، ހަމްޕު އަދި ފޭދޫ އިއްބެ ވާދަކުރަނީ

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ނޮމިނޭޓުވި ހަ ކުޅުންތެރިން--

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ފުޓްބޯޅަ ޚަބަރުތައް ގެނެސްދޭ މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމް ގުޅިގެން ދޭ "މޯލްޑިވްސް ފުޓްބޯލް އެވޯޑްސް" އަށް ވާދަކުރާ ހަ ކުޅުންތެރިން ތެރޭގައި ޓީސީ ސްޕޯޓްސްގެ ޒުވާން ފޯވާޑް ނާއިޒް ހަސަން (ދާދު)، އާއި ހަމަ އެ ޓީމުގެ ފޯވާޑް އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ހަމްޒާ މުހައްމަދު (ހަމްޕު) ނޮމިނޭޓް ވެއްޖެއެވެ.

މިއަދު އިއުލާނު ކުރި ހަ ކުޅުންތެރިންގެ ތެރޭގައި ދާދުއާއި ހަމްޕު އަދި ފޭދޫ އިއްބެގެ އިތުރުން ހިމެނެނީ ނިއު ރޭޑިއަންޓުގެ ފޯވާޑް އަލީ އަޝްފާގް (ދަނގަޑޭ) އާއި މާޒިޔާގެ މުހައްމަދު އުމެއިރު އާއި މިދިޔަ އަހަރު މި އެވޯޑު ހާސިލުކުރި ނިއުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އެވެ.

މީގެ އިތުރުން މިއަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރަނީ، ޓީސީގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބޭ) އާއި މާޒިޔާގެ ކުރީގެ ކޯޗް މެސެޑޯނިއާގެ މަރްޔަން ސެކުލޮސްކީގެ އިތުރުން ނިއުއަށް މި ސީޒަނުގައި ޕްރިމިއަރ ލީގާއި އެފްއޭ ކަޕް ކާމިޔާބު ކޮށްދިން ކޯޗް ސްޕެއިން އޮސްކާ ބްރުޒޮން އެވެ.

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ނޮމިނޭޓުވި ތިން ކޯޗުން--

އަންނަ ހޮނިހިރު ދުވަހުގެ ރޭ ދަރުބާރުގޭގައި އޮންނަ މި އެވޯޑް ހަފްލާގައި "އެފްއޭއެމް އޮނަރަރީ އެވޯޑް"ގެ ނަމުގައި ދޭ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑް ވެސް ދެވޭނެއެވެ. މި އެވޯޑަކީ ގިނަ ދުވަސްތަކެއް ވަންދެން ފުޓްބޯޅައަށް ހިދުމަތްކޮށް، ފާހަގަ ކުރެވޭ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. މިއަހަރުގެ އެވޯޑް ރަސްމިއްޔާތުގައި ތިން ފަރާތަކަށް މި އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި އަހަރު އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާ ތަކަކީ އެންމެ އުންމިދީ ކުޅުންތެރިޔާ، އެންމެ މޮޅު ފޮރިން ޕްލެއާ އެވޯޑް، އެންމެ މޮޅު ގޯލްކީޕަރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ، ޖޫލޭ އެވޯޑް (އެންމެ މޮޅު ގޯލްގެ އެވޯޑް) އަދި ބެސްޓް ސަޕޯޓާރސް އެވޯޑެވެ.

comment ކޮމެންޓް