އެމެރިކާގެ ޑްރޯންތައް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަންނަނަމަ ވައްޓާލުމަށް އަމުރުކޮށްފި

އެމެރިކާއިން ދޭ ޑްރޯން ހަމަލާތަކާ ދެކޮޅަށް ޕާކިސްތާނުގެ ރައްޔިތުން މުޒާހަރާކުރަނީ--ފޮޓޯ : އޭއެފްޕީ

އެމެރިކާގެ ޑްރޯންތައް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަންނަނަަމަ ވައްޓާލުމަށް ޕާކިސްތާނު ސަރުކާރުން އެގައުމުގެ އެއާފޯސް އަަށް އަމުރުކޮށްފިއެވެ.

ޕާކިސްތާނުގެ އެއާ ޗީފް މާޝަލް ސޮހައިލް އަމާން ވިދާޅުވީ އެގައުމުގެ ވައިގެ ސަރަހައްދަށް ހުއްދަ ނެތި ވަންނަ ކޮންމެ އުޅަނދެއް ވައްޓާލުމަށް އެގައުމުގެ އެއާ ފޯސްއަށް އަމުރުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެއީ އެމެރިކާގެ ޑްރޯންއެއް ކަމަށް ވިޔަސް އެފަދައިން އަމަލުކުރުމަށް އަމުރުކުރައްވައިފައިވާ ކަަމަށެވެ.

ޕާކިސްތަނުގެ އެތެރެއަށް އެމެރިކާއިން ޑްރޯން ހަމަލާދޭ މައްސަލަ ޕާކިސްތާނުން ވަރަށް ބޮޑަށް ކުއްވެރިކޮށްފައި ވިޔަސް، ޑްރޯންތައް ވައްޓާލާނެކަމުގެ އިންޒާރު މީގެ ކުރިން ދީފައެއް ނުވެއެވެ.

އެމެރިކާއިން ދިން ޑްރޯން ހަމަލާއެއް ވަޒީރިސްތާނުގެ ސަރަހައްދަށް އަމާޒުވެފައި --- ފޮޓޯ: ރޮއިޓާސް

ޕާކިސްތާނުން އެމެރިކާއަށް އިންޒާރުދީފައި މިވަނީ އެމެރިކާއިން މީގެ ދެހަފުތާ ކުރިން ދިން ޑްރޯން ހަމަލާއެއްގައި ތިން މީހުން މަރުވެފައި ވަނިކޮށެވެ.

ޕާކިސްތާނާއި އެމެރިކާގެ ގުޅުން ފަހަކަށް އައިސް ވަނި ވަރަށް ބޮޑަށް ހީނަރުވެފައެވެ. ދާދި ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޕާކިސްތާނުން ޓެރެރިސްޓު ޖަމާއަތްތަކަށް އެހީތެރިވާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ޕާކިސްތާނުން ވަނި އެތުހުމަތުތައް ދޮގުކޮށްފައެވެ.

ދެހާސް ހަތަރު ވަނަ އަހަރުން ފެށިގެން ޓެރަރިސްޓް ގްރޫޕްތަކާ ދެކޮޅަށް ކަމަށްބުނެ އެމެރިކާއިން ޕާކިސްތާނަށް ދެމުންދާ ޑްރޯން ހަމަލާތަކުގެ ސަބަބުން އެތަކެއް ސަތޭކަ އާންމުން ވަނީ މަރުވެފައެެވެ. ޕާކިސްތާނުން ބުނީ ޑްރޯން ހަމަލާތަކަކީ އެގައުމުގެ މިނިވަންކަމަށް އަރައިގަތުން ކަމަށެވެ.

ޕާކިސްތާނުގެ އެތައް ހާސް ބަޔަކު މީގެ ކުރިން ވަނީ ޑްރޯން ހަމަލާތަކާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވެސް ކޮށްފައެވެ.

comment ކޮމެންޓް