ދެއަތޮޅެއްގައި އިރުގެއަލިން ހަކަތަ އުފައްދާ ނިޒާމް ގާއިމުކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

ށ. އަދި ނ. އަތޮޅުގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ހަރުކުރުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: އެންވަޔަރަމަންޓު މިނިސްޓްރީ

ރާއްޖޭގައި ކަރަންޓު ފޯރުކޮށްދިނުމުގައި ތެލަށް ބަރޯސާވުން ކުޑަކޮށް، ޖައްވަށް ދޫކުރާ ގޭހުގެ މިންވަރު ކުޑަކުރުމުގެ ގޮތުން، އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށް، ށ. އަދި ނ. އަތޮޅުގެ ހުރިހާ ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދާ ހައިބްރިޑް ސިސްޓަމްތަކެއް ހަރުކުރުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ޗައިނާގެ ސިނޮމެކް އިންޓަނޭޝަނަލް ސަންގްރޯ ޖޮއިންޓާ މިއަދު ހަވާލުކުރި ހައިިބްރިޑް ސިސްޓަމްތަކުގައި ކަރަންޓު އުފައްދަނީ ޑީސަލް ޖަނެރޭޓަރުތަކުންނާއި އަދި އިރުގެ އަލިން ހަކަތަ އުފައްދާ ސޯލާ ޕަވާ ސިސްޓަމް ބޭނުންކޮށްގެންނެވެ.

މިއަދު މެންދުރު ފަހު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓު މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޠާރިގު އިބްރާހިމް އެއްބަސްވުމުގައި ސޮއިކުރެއްވިއިރު ސިނޮމޮކްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ނާއިބު ރައީސް ޒިޔާއޯ ޒިއަން ޑޮންއެވެ.

ށ. އަދި ނ. އަތޮޅުގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ހަރުކުރުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: އެންވަޔަރަމަންޓު މިނިސްޓްރީ

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޠާރިގު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ދުވާލު ގަޑީގައި ބޭނުންކުރާ ހަކަތައިގެ 30 ޕަސެންޓަކީ އިއާދަކުރެވޭ ހަކަތައަށް ހެދުން ކަމަށާއި އަދި މިހާރު ވަރަށް ގިނަ ރަށްރަށުގައި ސާވޭކުރެވި ޑިޒައިން ކުރުމުގެ މަސައްކަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސަރުކާރުން މަސައްކަތްކުރަމުންދަނީ ހެޔޮއަގެއްގައި ކަރަންޓު ފޯރުކޮށްދިނުމަށްކަމަށާއި އަދި އިއާދަކުރެވޭ ނިޒާމްތައް ގާއިމްކުރުމުން ހަރަދުތައް ކުޑަކުރެވި، އޭގެ ބޭނުން ގިނައިން ކުރެވިގެންދާނެ ކަމަށް ވެސް ޠާރިގު ވިދާޅުވިއެވެ.

އެންވަޔަރަންމަންޓު މިނިސްޓްރީން ބުނީ މިއަދު ސޮއި ކުރެވުނު މަޝްރޫއުއަކީ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް ގާއިމްކުރުމަށް ހިންގާ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އެގޮތުން ނ. އަދި ށ އަތޮޅުގެ ހުރިހާ ރަށެއްގައި 2.86 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމަކާއި، ޑީސަލުން ކަރަންޓު އުފެއްދުމަށް 4.86 މެގަ ވޮޓުގެ ކަަރަންޓު އުފެއްދޭ 29 ޖެނެރޭޓަރަކާއި 2.86 މެގަވޮޓު އަވަރގެ ބެޓެރިއާ، 10 ކިލޯމީޓަރުގެ ކޭބަލަކާއި، 24 އޮޓަމެޓިކް ސިންކްރޮނައިޒިން ޕެނަލް ބޯޑް އަދި 62 ޑިސްޓްރިބިޔުޝަން ފޮށި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އިރުގެ އަލީގެ ހަކަތައިން ކަރަންޓު އުފެއްދުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހީގައި އައްޑޫ ސިޓީއާއި އިތުރު ހަތަރު ރަށެއްގައި 2.5 މެގަވޮޓުގެ އިއާދަކުރަނިވި ހަކަތަ އުފައްދަން މިހާރު ފަށައިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ދެވަނަ ފިޔަވަހީގެ ދަށުން ހއ. އަދި ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 27 ރަށުގައި 4.57 މެގަވޮޓްގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމުތައް ހަރުކުރުމަށް ހަވާލުކުރެވިފައިވާ ކަމަށް ވެސް އެންވަޔަރަންމަންޓު މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އަންނަ އަހަރު ނިމޭއިރު އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް، އެކި މަރުހަލާތަކުގައި ކުރިއަށްދާނެ ކަމަށް އެންވަޔަރަންމަންޓު މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް