ފ. މަޝްރޫއު ބީވެގެނެއް ނުދޭ، އެ މަޝްރޫއު ސައުދީން ގެންނާނެ: އަލީ އާރިފް

ޕީޕީއެމްގެ "ރުމާލު2" ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ފ. އަތޮޅު ތަރައްގީ ކުރަން ފަށަން މަސަތްކަތް ކުރި މަޝްރޫއު އަދި ބީވެގެން ނުދާ ކަމަށާއި އެ މަޝްރޫއު ސައުދީ އަރަބިއާއިން ގެންނާނެ ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމްގެ ސްޕޯކްސް ޕާޝަން އަލީ އާރިފް ވިދާޅުވެއްޖެއެވެ.

ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުތަކެއް ކޮށްފައިވަނިކޮށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ 10 ބިލިއަން ރުފިޔާގެ އެ ޕްރޮޖެކްޓް ހުއްޓިއްޖެ ކަމަށެވެ. އަދި ހުއްޓުމުގެ ސަބަބައްގެ ގޮތުގައި ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދެއްކި ދެ އުޅިއްނުވާ ދޮގުވާހަކަތައް ކަމަށެވެ.

ފ. އަތޮޅުގެ މަޝްރޫއު ހުއްޓިފައިވާކަމަށް ރައީސް ވިދާޅުވި ނަމަވެސް ރޭ ޕީޕީއެމްގެ 'ރުމާލް2' ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަލީ އާރިފް ވިދާޅުވީ، އެ މަޝްރޫއި މަޑުޖެހިލާފައި އޮތް ނަމަވެސް މަޝްރޫއު އެއްކޮށް ހުއްޓިގެން ނުދާ ކަމަށެވެ. އަދި 2018ގައި ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވައިފި ނަމަ ފ. މަޝްރޫއު އަލުން އަނބުރާ އަންނާނެ ކަމަށް އާރިފް ވިދާޅުވިއެވެ.

"..ގަބޫލުފުޅުކުރައްވާ ފ. އަތޮޅުގެ ޕްރޮޖެކްޓެއް ނުދޭ. ތެދެއް މަޑު ޖެހިލައިފި. އެހެން ނަމަވެސް ﷲ އިރާދަފުޅާއި އެކު މި ރާއްޖެއަށް ފ. އަތޮޅުގެ އެ ޕްރޮޖެކްޓް ސައުދީގެ އެ ފަރާތުން ގެންނާނެ. ތިބޭފުޅުން ރައީސް ޔާމީން ހޮއްވަވާ. އެ ޕްރޮޖެކްޓް އަންނާނެ. އެއީ ރައްޔިތުންނަށް އިންތިހާއަށް ފައިދާހުރި ޕްރޮޖެކްޓެއް،" ކެލާ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އަލީ އާރިފް ވިދާޅުވިއެވެ.

ޕީޕީއެމްގެ "ރުމާލު2" ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ފ. އަތޮޅުގެ މަޝްރޫއު އަކީ އެ އަތޮޅުގެ ރައްޔިތުންގެ އިތުރުން މުޅި ރާއްޖެއަށް ވެސް ބޮޑު ފައިދާއެއްވާނެ މަޝްރޫއެއްކަން ފާހަގަކޮށް އަލީ އާރިފް ވިދާޅުވީ، އެ މަޝްރޫއު ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ދިވެހި ރައްޔިތުން ކުރަން ޖެހޭނެ ކަމަށެވެ.

ޗައިނާ އާއި ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ދެ ގައުމުން ނިންމާފައިވާއިރު އެ ނިންމުމަށް ވެސް އިދިކޮޅު ފަރާތްތަކުން ބާރެއް ނުފޯރުވޭނެ ކަމަށް ހަރުއަޑުން އަލީ އާރިފް ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެން އަލަކަށް ކުރާ ކަމެއް ނޫން. ދެން މި މީހުން [އިދިކޮޅު ފަރާތްތައް] މި ބުނަނީ މިކަން ހުއްޓުވާނަމޭ. ނުވާނެ އެކަމެއް. ނުވާނެ އެކަމެއް. ޗައިނާއިން އެއޮތީ އިއްޔެގަ ނޫހުގަ ޖަހާފަ މިކަމެއް ނުހުއްޓާނަމޭ. އެކަމެއް ނުވާނެ އިނގޭތޯ،" އަލީ އާރިފް ވިދާޅުވިއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ދެ ގައުމަށް ވެސް ފައިދާތަކެއް ވާނެ އެއްބަސްވުމެއްކަން ފާހަގަކޮށް އަލީ އާރިފް ވިދާޅުވީ، އެއްބަސްވުމުގެ ސަބަބުން އެއްވެސް ދިވެހި ރައްޔިތަކަށް ގެއްލުމެއް ނުވާނެ ކަމަށެވެ.

"ބޭރުމީހަކު ދިވެހި ގައުމަކަށް ހެވެއް ނޭދޭނެ. ޗައިނާއަކުން ވެސް ހެވެއް ނޭދޭނެ. ޗައިނާ އެ ހެޔޮ އެދެނީ އެ ބޭފުޅުންނަށް ވެސް މިއުޗުއަލީ ނުވަތަ ދެބައި މީހުނަށް ވެސް ފައިދާ ހުރި ކަންކަން މީގަ ހުރީމަ،" އަލީ އާރިފް ވިދާޅުވިއެވެ.

comment ކޮމެންޓް