އައު ލަފުޒުތައް ފުލުފުލުގައި: މިފަހަރު މީސް މީޑިއާ، މޭލުގާ އަދި މަންސަ

ޝޯސަލް މީޑިއާގެ ބައެއް ވަސީލަތްތައް: އެކެޑަމީން ވަނީ ސޯޝަލް މީޑިއާއަށް ކިޔާނެ ދިވެހި ނަމެއް ފާސްކޮށްފައި --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ސޯސަލް މީޑީއާ އަށް ކިޔާނެ ދިވެހި ނަމެއްގެ ގޮތުގައި 'މީސް މީޑިއާ' ދިވެހި ބަހުގެ އެކެޑަމީން ފާސްކޮށްފިއެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ 'ސަން' އަށް ވިދާޅުވީ 'މީސް މީޑިއާ' އެ ނަން އުފެއްދީ އެކެޑަމީގައި ވަރަށް ބޮޑަށް ބަހުސް ކުރެއްވުމަށްފަހުގައި ކަމަށެވެ.

ސޯޝަލްގެ ދިވެހި މާނައަކީ އިޖްތިމާއީ ކަމަށް ވީ ނަމަވެސް 'މީސް މީޑިއާގެ' ގޮތުގައި ކަނޑައެޅީ ސޯސަލް މީޑިއާއަކީ ގިނަ ބަޔަކު އެއްފަހަރާ އެތައް ކަމެއް އެއް ވަގުތަކު ހިއްސާވެ ތިބެ އެކި އެކި މުއާމަލާތްކުރާތަނަކަށް ވާތީ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

'މީޑިއާ' އެނަން އެ ގޮތަށް ގެނައުމަށް ފާސްކޮށްފައިވަނީ އެއީ ޒަމާނުއްސުރެ ދިވެހީން ބޭނުންކުރާ ގޮތަށް ވެފައި ޒަމާންވީ ދިވެހި ގިނަ ލިޔުންތަކުގުގައި ވެސް އެގޮތަށް ގެނެސްފައިވާތީ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

"މީސް މީޑިއާގައި އެންމެން ދައްކަނީ އިޖްތިމާއީ ވާހަކަ އެއްނޫން. އޭގައި އެތައް ވާހަކަތެކެއް އަންނަނީ ދައްކަމުން. އެހެންވެ އެކަމަށް ބަލާފައި މީހުނަށް ނިސްބަތްކޮށް 'މީސް' އެ ލަފްޒު ގެނެސްފައި ވާނީ،" އަޝްރަފް ވިދާޅުވިއެވެ.

ދިވެހި ބަހުގެ އެކެޑަމީން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ފާސްކޮށްފައިވާ ދިވެހި ނަންތައް

  1. ފްލެކްސިބަލް - ފަހެލި
  2. ފްލެކްސިބިލިޓީ - ފަހެލިކަން
  3. ނޮން ފްލެކްސިބަލް - ނުފަހެލި
  4. މައިލް ސްޓޯން - މޭލުގާ
  5. ޕްލެޓްފޯމް - މަންސަ
  6. އަޕްޑޭޓް - އަދާހަމަ
comment ކޮމެންޓް