މިހާރު ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި ކޮލަމްބޯގައި ހުންނަ ސޯސަން ވިލާއަށާއި ދިވެހިން އުޅޭ ބައެއް ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ރާއްޖެއިން ސްރީލަންކާއަށް ކަޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ ވިއްސާރައިގެ ސަބަބުން ދިވެހިން ދިރިއުޅޭ ބައެއް ގެތަކަށް އެކިވަރުގެ ގެއްލުން ލިބި، ބައެއް ގެތަކުން ކަރަންޓް ވެސް ކެނޑިފައިވާ ކަމަށެވެ.
"ރެއިން ފެށިގެން ކޮލަމްބޯގެ ވަރަށް ގިނަ ގެ ތަކެއްގެ ފުރާޅު އެއްލާލައި ވަނީ ކަރަންޓް ވެސް ކެނޑިފަ. އޭގެ ތެރޭގައި ދިވެހިން ދިރިއުޅެމުންދާ ގެތައް ވެސް ހިމެނޭ،" މުނުދު ވިދާޅުވިއެވެ.

ލަންކާއަށް ކުރަމުންދާ ވިއްސާރައިގަ ސޯސަން ވިލާއަށް ގެއްލުން ވެފައި --- ފޮޓޯ: އެމްބަސީ
ކޮޅިގަނޑުގެ ސަބަބުން ކޮލަމްބޯގައި ބައެއް މީހުނަށް އަނިވާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދިޔަ ނަމަވެސް މުންދު ވިދާޅުވީ އަދި މިހާތަނަށް އެއްވެސް ދިވެއްސަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.
ދިވެހިން ދިރިއުޅެމުންދާ ގެ ތަކުގެ އިތުރުން ލަންކާގައި ދިވެހިންނަށް ގިނަ ޚިދުމަތްތަކެއް ދެމުންދާ ސޯސަން ވިލާއަށް ވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށް މުންދު ވިދާޅުވިއެވެ.

ލަންކާއަށް ކުރަމުންދާ ވިއްސާރައިގަ ސޯސަން ވިލާއަށް ގެއްލުން ވެފައި --- ފޮޓޯ: އެމްބަސީ
"ސޯސަން ވިލާއަކީ ހާމަކޮށް އޮންނަ ތަނެއް ކަމަށް ވުމުން އެތަނުގެ ގޯތި ތެރޭގައި ހުރި ހިފާ ގެންގުޅޭ ވަރަށް ގިނަ ސާމާނުތަކެއް ވަނީ ހަލާކުވެފައި. އޭގެ ތެރޭގައި ކުޅިވަރު ކުޅުމަށް ބޭނުންވާ ބައެއް ސާމާނުތައް ވެސް ހިމެނޭ،" މުންދު ވިދާޅުވިއެވެ.
ސޯސަން ވިލާގެ އިތުރުން ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ވެސް މުންދު ވިދާޅުވިއެވެ.
ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހި، ވައި ގަދަވާނެ ކަމަށް ބުނެފައެވެ. އަދި އިއްޔެ ހަވީރު ވަނީ އެ ގައުމަށް ރެޑް އެލާޓް ވެސް ނެރެފަ އެވެ.