ބޯކޮށް ވާރޭވެހި މުޅި ހިންނަވަރުގައި ފެންބޮޑުވެ، ގެތަކަށް ފެން ވަންނަނީ

ހިންނަވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ފެން ވަނަ ނުދިނުމަށް ވެލިބަސްތާ ޖަހަނީ --- ފޮޓޯ: އެންޑީއެމްއޭ

މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ޅ. ހިންނަވަރުގެ ގެތަކަށް ފެން ވަދެ އެކިވަރުގެ ގެއްލުން ވެއްޖެއެވެ.

ހިންނަވަރު ކައުންސިލްގެ ރައީސް މުޙައްމަދު ޢައްފާން 'ސަން'އަށް ވިދާޅުވީ ހިންނަވަރަށް އަދިވެސް ބޯކޮށް ވާރޭވެހެމުން އަންނަ ކަމަށާއި، މިހާރު ވެސް ދެ ސަރަހައްދެއްގައި ޕަންޕު ޖައްސައި ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ކޮންމެވެސް ވަރަކަށް އެބަ އާދޭ ކޯލްތައް، އެ ކޯލްތަކަށް އެޓެންޑްވެ އަޅުގަނޑުމެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދަމުން މި ދަނީ،" ޢައްފާން ވިދާޅުވިއެވެ.

ޢައްފާން ވިދާޅުވީ ފެން ހިންދުމަށްޓަކައި ކައުންސިލު ސަރަހައްދުގައި ހުރި ޕަންޕު ޖެއްސިތާ ގަޑިއިރެއް ވެއްޖެ ކަމަށާއި، އެމްއެންޑީއެފުން އައިސް ދެވަނަ ޕަންޕު ވެސް ޖައްސައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޕޯސްޓެއްގައި ވަނީ، ފެން ވަންނަ ގެތަކުގައި ވެލިބަސްތާ ޖެހުމާއި، ކައުންސިލުގެ އިސްނެގުމުގެ ދަށުން ޕަންޕެއްގެ އެހީގައި ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ށ. އަތޮޅުން ފެށިގެން އދ. އަތޮޅަށް މިއަދު މެންދުރު 2:00އިން ފެށިގެން އިރުއޮއްސި ހައެއް ޖަހަންދެން ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައެވެ.

މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް