ކަނޑުގަދަވާނެ ކަމަށް ލަފާކޮށް، ށ އަތޮޅުން އދ. އަތޮޅަށް ރީނދޫ ސަމާލު

ވިއްސާރަވެ ކަނޑުގަދަވުން: ކަނޑުގަދަވާނެ ކަމަށް ލަފާކޮށް، ށ އަތޮޅުން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ށ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދުގެ 16:30 އަށް، ހއ. އިން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލެއް ވެސް ނެރެފައެވެ.

އެއަށްފަހު ދެންމެ މެޓުން ވަނީ ށ. އަތޮޅުން ފެށިގެން އދ. އަތޮޅަށް މިއަދުގެ 18:00 އަށް ރީނދޫ ސަމާލު ނެރެފައެވެ. އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ވަނީ މިއަދުގެ އިރުއޮއްސި 18:00 އަށް މޫސުން ލަފާކޮށް، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް ބުނެފައެވެ.

ވައިޖެހޭ ބާރުމިނަށް ބަލާއިރު، އުތުރުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލަށް ވައިގަދަވާނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލަށް ވައިގަދަވާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖޭގެ އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި އުތުރުގެ ހިސާބުތަކުގައި ރާޅުތަކުގެ އުސްމިން ހަތަރު ފޫޓަށް ހުންނާނެ ކަމަށާއި މެދުރާއްޖެތެރެއާއި ދެކުނުގައި ތިން ފޫޓާއި ހަ ފޫޓަށް ރާޅުތަކުގެ އުސްމިން ހުންނާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮސްފައެވެ.

ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށުގައި ފެންބޮޑުވެފައިވެއެވެ.

comment ކޮމެންޓް