ސަރުކާރުން ލޯނު ނަގާތީ ކިޔަމުންދާ ފާޑުކިޔުންތަކަށް ރައީސްގެ ވަރުގަދަ ރައްދެއް!

ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ދައުލަތުގެ އިއްޒަތްތެރިންނާ ރައީސް ޔާމީން މިރޭ ސަލާމް ކުރައްވަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސަ

ދައުލަތުން ނަގަމުންދާ ލޯނުތަކާ ގުޅިގެން ސަރުކާރަށް އަމާޒު ކުރަމުންދާ ފާޑުކިޔުންތަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ޒުވާނުންގެ ދުވަހާ ގުޅިގެން، ޒުވާނުންގެ އެވޯޑު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ލޯނު ނުނަގާނަމަ، "ތިބިގޮތުގައި ތިބެންވީ" ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ތަރައްގީ އާއި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ވެސް ލޯނު ނަގަންޖެހެ އެވެ. އަދި ވިދާޅުވީ ލޯނު ނުނަގައި ތަަރައްގީގެ ބޮޑެތި މަޝްރޫތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެއްވެސް މީހަކީ ފައިސާތަކަކާ އެކު ދުނިޔެއަށް އަންނާނެ މީހެއް ނޫން ކަމަށާއި ގޭ ތެރޭގަ އެންމެ އާދައިގެ ދިރިއުޅުމާ ވެސް ލޯނު ނެގުން ގުޅިފައިވާ ކަމަށެވެ. އަދި ރިސްކް ނަގައިގެން ލޯނު ނަގައިގެން ކުރިއަށް ދާ މީހުނަށް އޭގެ ފައިދާ ލިބެމުންދާ ކަން ފެނިގެންދާ ކަމަށެވެ.

"މި ބޭފުޅުން [އިދިކޮޅު ފަރާތްތައް] ލޯނު ނަންގަވައިގެން އަޅުގަނޑުމެންގެ ޒުވާނުންގެ ހާލަތު ރަނގަޅު ކުރުމަށް ބޭނުންފުޅު ނުވާކަމުގައި ވާނަމަ އަދި މިއީ ޒުވާން ޖީލެއް ގޮވައިގެން ރާއްޖެ ކުރިއަށް ގެންދަން ދައުވާ ކުރައްވާ ލީޑަރުން ކަމުގައިވާނަމަ އަޅުގަނޑު ދަންނަވާނީ އަނެއްކާ ވެސް އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ މާޔޫސް ކަމޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޒުވާނުންނަށް ބޯހިޔާ ވަހިކަން ހޯއްދައި ދިނުމަށް ލޯނު ނަގަން އިދިކޮޅު ފަރާތްތަކުން ބޭނުމެއް ނުވާ ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހިންނަށް އޮތީ ދެ 'އޮޕްޝަން'އެއް ކަމަށާއި އެއީ ލޯނު ނަގައިގެން ކުރިއަށް ދިއުމާއި ލޯނު ނުނަގައި ކުރިއަށް ދިއުން ކަމަށެވެ. އަދި ލޯނު ނުނަގައި ކުރިއަށް ދާ ނަމަ ތިބެން ޖެހޭނީ ހުއްޓުން އަރާފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެއީ ގެދޮރެއް ނާޅާ ތިބޭނީ. މިހާރު ރާއްޖޭގެ އާބާދީ 65 ޕަސެންޓަށް ވުރެން މައްޗަށް މި ދިޔައީ. އެ މީހުންގެ އެންމެ އަސާސީ ބޭނުމަކީ ބޯ ހިޔާވަހިކަން. އެހެންވީމަ ލޯނު ނުނަގާ ކަމަށް ވަންޔާ ދެން ހަމަ ތިބި ގޮތަށް ތިބެން ވީ ނޫން ތޯ،" ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅައި މަޖިލީހުން ފާސްކުރި 27.9 ބިލިއަން ރުފިޔާގެ ބަޖެޓްގައި ވެސް ޒުވާނުންނަށް ލޯނު ދިނުމަށް ބޮޑު އަދަދެއް ހިމަނާފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ.

ހުޅުލޭ އެއާޕޯޓް ތަރައްގީ ކުރުމަށް 800 މިލިއަން ޑޮލަރު ހޭދަކުރުމަށް ނިންމާފައިވާއިރު އޭގެތެރެއިން ގިނަ ފައިސާ އަކީ ލޯނުގެ ގޮތުގައި ހޯދާފައިވާ ފައިސާއެވެ. ރައީސް ވިދާޅުވީ ހުޅުލޭ އެއާޕޯޓް ތަރައްގީ ކުރުމަށް ބޮޑުތި ލޯންތަކެއް ނަގާފައިވާއިރު ކުރިއަށް އޮތް ހަ އަހަރު ތެރޭގައި އަށް މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށެވެ.

"އަޅުގަނޑު މި ލޯނު ނަގަނީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައި ދޭން. އަޅުގަނޑު މި ލޯން ނަގަނީ ޒުވާނުންނަށް ބޭނުންވެފައި ތިބި އެންމެ ބޮޑެތި ދަތި ކަންތައްތައް ހައްލުކޮށް ދޭން،" ލޯނު ނަގާ ސަބަބުތައް ހާމަކޮށް ދިނުމުގެ ގޮތުން ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް