ރޯޑު ރޭހުގައި ޝިފާޒާއި މޯޑް ނިކުންނާނީ ފަޒީލްގެ 2 ރެކޯޑު މުގުރާލަން

ރާއްޖޭގެ ހާފް މެރެތަން ރެކޯޑު އޮންނަ ޝިފާޒް މުހައްމަދު--- ސަން ފައިލް ފޮޓޯ

ހުސެއިން ފަޒީލް ހާރޫން އަތުގައި އޮތް ރާއްޖޭގެ ފަސް ކިލޯ މީޓަރު ދުވުމާއ، 10 ކިލޯ މީޓަރު ދުވުމުގެ ރެކޯޑް މުގުރާލުމަށް ސްރީ ލަންކާގައި ތަމްރީން ހަދަމުން އަންނަ އެމްއެންޑީއެފްގެ ދެ ދުވުންތެރިން ކަމަށްވާ ޝިފާޒް މުހައްމަދާއި މުހައްމަދު ރަޝީދު (މޯޑް)، ދިރާގު މޯލްޑިވްސް ރޯޑު ރޭހުގައި ބައިވެރިވާން މާލެ އަތުވެއްޖެ އެވެ.

ޝިފާޒާއި މޯޑް މި ވަގުތު ސްރީ ލަންކާގައި ހިލް ޓްރެއިނިން ހަދަމުން އަންނަނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އޮންނަ ޑުބާއީ މެރެތަނަށް ތައްޔާރުވާށެވެ.

މޮރޮކޯގައި މިވަގުތު ތަމްރީނު ހަދަމުން އަންނަ ފަޒީލް ވަނީ 27 އަހަރުވީ 10000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު އިންޑިއާގައި މި އަހަރު އޮތް އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންސިޕްސްގައި މުގުރާލައިފަ އެވެ. އެ ރެކޯޑު ކުރިން އޮތީ ޑރ. ހުސައިން ހަލީމް (ކުޑަހުސެން) އަތުގަ އެވެ. މޯޑް މަސައްކަތްކުރާނީ ފަޒީލް ގާއިމްކޮށްފައިވާ 10 ކިލޯ މީޓަރުގެ ރެކޯޑް މުގުރާލުމަށެވެ.

ފަސް ކިލޯ މީޓަރުގެ ރެކޯޑް ފަޒީލް މުގުރާލީ މިދިޔަ ނޮވެމްބަރު މަހު ބޭއްވި ދިރާގު ރޭހުގައި 16 މިނެޓު 31 ސިކުންތުން ދުވެގެންނެވެ. ފަޒީލްގެ އެ ރެކޯޑު މި ފަހަރުގެ ރޯޑު ރޭހުގައި މުގުރާލަން މަސައްކަތް ކުރާނީ ރާއްޖޭގެ ހާފް މެރެތަން ރެކޯޑް ދާދި ފަހުން ދެ ފަހަރެއްގެ މަތިން އާކުރި ޝިފާޒެވެ.

ޝިފާޒް ވަނީ އަހްމަދު ޝަރަފް އަތުގައި އޮތް ރާއްޖޭގެ ހާފް މެރެތަން ރެކޯޑު މީގެ ދެ މަސް ކުރިން ކަތަމަންޑޫ މެރެތަންގައި މުގުރާލައިފަ އެވެ. އޭނާ ރޭސް ފުރިހަމަކުރީ ދެ ގަޑިއިރާއި 40 މިނެޓާއި 47 ސިކުންތުންނެވެ.

މާދަމާ ހުޅުމާލޭގައި އޮންނަ ރާއްޖޭގެ އެންމެ ބޮޑު ދުވުމުގައި ހިމެނެނީ ފަސް ކިލޯ މީޓަރު (ހުޅުމާލެ ވަށައި އެއް ބުރު) އަދި 10 ކިލޯ މީޓަރު (ހުޅުމާލެ ވަށައި ދެ ބުރު) ދުވުމުގެ ރޭހެވެ.

comment ކޮމެންޓް