ގިނަ ހަރަކާތްތަކާއެކު ކުރިއަށްދާ ދިރާގު ރޯޑް ރޭސް މާދަމާ ފަށާނެ ކަމަށް ދިރާގުން މިއަދު ބުނެފިއެވެ.
ދިރާގުން ބުނި ގޮތުގައި، މި ދުވުން ކުރިއަށް ގެންދާނީ ދެ ދަންފަޅިއަކަށް ބާހާލައިގެންނެވެ. އެގޮތުން، ފުރަތަމަ ދަންފަޅި އޮންނާނީ ފަތިހު 5:00 ހެނދުނު 9:00ގެ ނިޔަލަށް ކަމަށްވާއިރު، އެ ގަޑީގައި އޮންނާނީ ހާފް މެރަތަންއާއި 10 ކޭ ދުވުމެވެ.
ފައިވްކޭއާއި އޮފީސް އަދި ރިސޯޓް ކެޓެގަރީގެ ދުވުން ހަވީރު 4:00 އިން 6:00 ގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށާއި ފައިވްކޭ ދުވުމުގައި ހުރިހާ އުމުރެއްގެ ބައިވެރިން ދުވާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ތެރެއިން: ގިނަ ހަރަކާތްތައް ހިމެނޭ ދިރާގު ރޯޑް ރޭސް މާދަމާ ފަށަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މި ދުވުންތައް ކުރިއަށްދާ ގަޑިތަކުގައި ދުވާ ރޫޓުގެ މަގުތައް ބަންދު ކުރުމަށް ފުލުހުން ހަރަކާތްތެރިވާނެއެވެ.
މީގެއިތުރުން،ހަވީރު ބާއްވާ ދުވުމާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔުމަށް ރާވަފައިވެއެވެ. އެގޮތުން، ދުވުން ކުރިއަށް ދާއިރުގައި ކާބޯތަކެތި ވިއްކުމަށް ދިރާގުން ވަނީ ވިމެން އެންޓްރަޕްރިނިއާސް އެސޯސިއޭޝަން މޯލްޑިވްސް (ވިއަމް) އާ ޕާޓްނާޝިޕެއްގައި ސޮއިކޮށްފައެވެ.
އެ ޕާޓްނާޝިޕްގެ ދަށުން، ގޭގައި ކާއެއްޗެހި ތައްޔާރުކޮށް، އެތަކެތިން ވިޔަފާރި ކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ އުފެއްދުންތައް ޝޯކޭސްކޮށް ވިއްކޭނެއެވެ. އަދި، ކުޑަކުދިންނަށް ޚާއްސަކޮށް ގޭމުތަކެއް ކުރިއަށް ގެންދަން ދިރާގުން ވަނީ ނިންމާފައެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ތެރެއިން: ގިނަ ހަރަކާތްތައް ހިމެނޭ ދިރާގު ރޯޑް ރޭސް މާދަމާ ފަށަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ ދުވުމާ ގުޅިގެން މާދަމާ ރޭ ގޭމިން މުބާރާތެއް ބޭއްވުމަށް ވެސް ނިންމާފައިވެއެވެ. އެ މުބާރާތް 8:30 އިން 11:00ގެ ނިޔަލަށް ކުރިއަށް ދާއިރުގައި، މުބާރާތް އޮންނަ ގަޑީގައި އެތަނަށް ގޮސް ރަޖިސްޓްރީވެގެން މުބާރާތުގައި ބައިވެރިވެވޭނެއެވެ.
މި މުބާރާތުގައި ކުރިއަށްދާ ގޭމުތަކުގެ ތެރޭގައި ރޮކެޓް ލީގާއި އީއޭއެފްސީ އަދި ކިންގް އޮފް ދަ ހިލް މުބާރާތް ހިމެނެއެވެެ. މި މުބާރާތްތަކުން އެންމެ މޮޅު ތިން ކުޅުންތެރިންނަށް ފައިސާގެ އިނާމު ދިނުމަށް ދިރާގުން ވަނީ ނިންމާފައެވެ.
ދިރާގު ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވަ އެންމެ ބޮޑު ދުވުމުގެ ހަރަކާތެވެ. އެ ގޮތުން މި އަހަރު މި ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ރޭހުގެ 15ވަނަ އެޑިޝަނެވެ. މި އަހަރުގެ ރޭހުގައި 4،400 އަށްވުރެ ގިނަ ބައިވެރިން ދުވުމަށް ހަމަޖެހިފައިވެއެވެ.