ދިރާގު ރޯޑް ރޭސް 2024ގެ ބިބްސް އަދި ރޭސް ޓިކެޓު ދޫކުރަން ފަށައިފިއެވެ.
ދިރާގުން ބުނީ މި އަހަރުގެ ރޯޑް ރޭސް ބިބް އެކްސްޕޯ، 17 އޮކްޓޫބަރުން ފެށިގެން އަމިނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގެ ތިރީ ފަންގިފިލާގައި ގާއިމް ކުރެވިފައިވާ ބިބް އެކްސްޕޯ ސެންޓަރުގައި ކުރިއަށްދާނެ ކަމަށެވެ.
ބިބް އެކްސްޕޯގައި ދުވުންތެރިންނަށް އެ ފަރާތްތަކުގެ ބިބް އަދި ރޭސް ކިޓް ހަވާލު ކުރެވޭނެއެވެ. އަންނަ އަންގާރައިގެ ނިޔަލަށް، ބައިވެރިންނަށް އެ ފަރާތްތަކުގެ ބިބް އަދި ރޭސް ކިޓް ނެގޭނެއެވެ.

ދިރާގު ރޯޑް ރޭސް 2024ގެ ބިބްސް އަދި ރޭސް ޓިކެޓު ދޫކުރަން ފަށައިފި -- ފޮޓޯ/ ދިރާގު
ބިބް އަދި ރޭސް ކިޓު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ:
- މެންދުރުފަހު 14:00އިން ހަވީރު 18:00އަށް
- ރޭގަނޑު 20:00އިން 22:00އަށް
ކޮންމެ ރޭސް ކިޓެއްގައި ވެސް ޓައިމިން ޗިޕް ހިމެނިފައިވާ ބިބް ރޭސް ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި ވެރިފައި ކުރުމުގެ ގޮތުން ރޭސް ކިޓް ބަލައި އަންނަ ފަރާތުން ދުވުންތެރިޔާގެ އައިޑީކާޑާއި ބިބް ނަންބަރު ހުށަހަޅަން ވެސް ޖެހެއެވެ.
ދިރާގު ރޯޑް ރޭހަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުމުގެ ހަރަކާތެވެ. އެ ގޮތުން މި އަހަރު މި ފާހަގަކުރާ މި ރޭހުގެ 15ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 27 އޮކްޓޫބަރުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އަހަރުގެ ދިރާގު ރޯޑް ރޭހުގައި 4،400 އަށްވުރެ ގިނަ ބައިވެރިން ދުވުމަށް ހަމަޖެހިފައިވެއެވެ.