މިއަހަރުގެ ދިރާގު ރޯޑު ރޭހުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި

ދިރާގު ރޯޑް ރޭސް 2023ގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު މާހިލް އާތިފް

ދިރާގު މޯލްޑިވްސް ރޯޑު ރޭސް 2024ގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެގޮތުން، މި ރޯޑު ރޭސްގައި ފަސް ކިލޯމީޓަރާއި 10 ކިލޯމީޓަރު އަދި ހާފް މެރަތަންގެ އިތުރުން މި އަހަރު މުޅިން އަލަށް ހުޅުވާލި އޮފީސް އަދި ރިސޯޓު ކެޓެގަރީއަށް މިހާރު ރަޖިސްޓްރީ ވެވޭނެއެވެ.

ކެޓެގަރީތަކުގައި ރަޖިސްޓްރީ ވުމަށް ބޭނުންވާ މީހުންނަށް ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ވެވޭއިރު، 4000 ބައިވެރިންގެ ލިމިޓު ހަމަވަންދެން މި ރޭހުގައި ބައިވެރިވެވޭނެއެވެ.

މި ރޭހަކީ ކޮންމެ އަހަރަކު ވެސް ވަނަވަނައަށް އަންނަ ފަރާތްތަކަށް ބޮޑެތި އިނާމުތައް ދޭ ރޭހެކެެވެ. އެގޮތުން، މި އަހަރުގެ ރޭހުގެ ވަނަތަކަށް ދިރާގުން ވަނީ 256،000 ރުފިޔާ ދިނުމަށް ނިންމާފައެވެ.

މީގެއިތުރުން، މި އަހަރު ފާހަގަކުރަނީ މި ރޭހުގެ 15 ވަނަ އެޑިޝަން ކަމަށްވާއިރު، މި ދުވުން ބާއްވާނީ އަންނަ މަހުގެ 25 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ދިރާގު ރޯޑް ރޭހުގެ ބައިވެރިން ކޯޗުންގެ އެހީތެރިކަން ހޯދަނީ ---

މި ރޭހާ ގުޅުވައި ދިރާގުގެ ބެރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސްގެ ޑިރެކްޓަރު މުޙައްމަދު މިރާޝް ވިދާޅުވީ، މި ރޭހަކީ ރާއްޖޭގައި ވާދަވެރިކޮށް ބާއްވާ ގިނަ މީހުން ބައިވެރިވާ ދުވުމެއް ކަމަށާއި ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުން ކަމަށެވެ.

މީގެ މަގުސަދަކީ އޮފީސްތަކާއި ރިސޯޓުތައް ޓީމެއް ގޮތުގައި އެ މުއައްސާގެ މުވައްޒަފުންނަށް ތަމްސީލު ކުރުމުގެ ފުރުސަތު ވާދަވެރި މާހައުލެއްގައި ހުޅުވާލުން

ދިރާގުން އިތުރަށް ބުނީ، މި ދުވުމަކީ ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްސަކޮށްފައިވާ ދުވުމެއް ކަމަށާއި އެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކޮށް، ފަންޑްރައިޒް ކުރެވޭނެ ކަމަށެވެ.

މިއަހަރުގެ އިވެންޓުގައި ބައިވެރިވާ 12 އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާއަކަށް އެ ފަރާތްތަށް ރޭވިފައިވާ ޕްރޮގްރާމްތައް ފެށުމަށް ޖުމްލަ 200،000 ރުފިޔާގެ ފައިސާގެ އެހީތެރިކަން ދިރާގުން ދިނުމަށް ވަނީ ނިންމާފައެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެއިތުރުން، ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން ނަގާ 100 ރުފިޔާއާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވެސް ހަމަހަމަކޮށް އެންޑޯސްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށް ވެސް އެކުންފުނިން ވަނީ ނިންމާފައެވެ.

comment ކޮމެންޓް