މުހިންމީ ފާސްކުރުމަށްފަހު ބަޖެޓުގެ ޚަރުދުތައް ދަނީ އެންމެ ރަނގަޅަށްތޯ ބެލުން: ސަލީމް

2018 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރި ކޮމެޓީގެ ބައްދަލުވުމުގައި ސަލީމް: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންމެ މުހިންމު ކަމަކީ ދައުލަތުގެ ބަޖެޓު ފާސްކުރުމަށްފަހު ބަޖެޓުގެ ޚަރުދުތައް ދަނީ އެންމެ ރަނގަޅަށްތޯ ބެލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބަޖެޓް ރިޕޯޓަށް ބަހުސްކުރައްވަމުން ސަލީމް ވިދާޅުވީ ކޮންމެ ފަސް އަހަރަކުން ދައުލަތުގެ އެންމެ އިސްވެރިޔާ ބަދަލުވުމުގެ ފުރިސަތު އެބަ އޮތް ކަމަށާއި އެހެންކަމުން ކޮންމެ ރައީސަކު ވެސް ދައުރު ނިމުމުގެ ކުރިން ގިނަ ކަންތައްތަކެއް ކޮށްދޭން ބޭނުންފުޅުވެވަޑައިގަންނަވާނެ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު މިދަންނަވަނީ މީގެ އެންމެ މުހިންމު ޕޮއިންޓަކީ އަޅުގަނޑުމެން ބަޖެޓު ފާސްކުރެއްވުމެއް ނޫނޭ. ބަޖެޓު ފާސްކުރެއްވުމަށްފަހު ގައި ބަޖެޓުގެ ޚަރަދުތައް ދަނީ އެންމެ ރަނގަޅަށްތޯ ކަމާ ބެހޭ ވުޒާރާ ތަކުން ހަވާލުވެ ތިބި މުވައްޒަފުން އެ ބެލެހެއްޓުން. މީ މީގެ މިހުންމު ކަމަކީ،" ސަލީމް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބެޖެޓު ދިރާސާކޮށް މަޖިލީހަށް ހުށަހެޅި ޖަލްސާ ނިންމާލާފައިވާއިރު ބަޖެޓަށް ބަހުސްކޮށްފައިވަނީ ސަރުކާރު ހިންގާ ޕީޕީއެމް އާއި އެމްޑީއޭއަށް ނިސްބަތްވާ 12 މެންބަރުންނެވެ.

އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ އެއްވެސް މެންބަރަކު ހާޒިރުވެވަޑައިނުގަންނަވާ އެ ޖަލްސާގައި ޕީޕީއެމްގެ 10 މެންބަރުންގެ އިތުރުން ދެން ވާހަކަފުޅު ދެއްކެވީ ކޯލިޝަން ޕާޓުނަރު އެމްޑީއޭގެ ދެ މެންބަރުންނެވެ.

އެ މެންބަރުންނަކީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ބަޖެޓު ދިރާސާކުރި ކޮމެޓީގެ މުގައްރިރު އަހްމަދު ނިހާން ހުސައިން މަނިކުގެ އިތުރުން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ، ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް، ހުޅުހުންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކް، ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން، ކަނޑިތީމް ދާއިރާގެ މެންބަރު މުހަންމަދު ހުސައިން، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު، ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު، ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްއެވެ.

ބަހުސް ކުރި ސަރުކާރުގެ ހުރިހާ މެންބަރުން ވެސް ވަނީ ބަޖެޓަށް ވަރަށް ބޮޑަށް ތާއިދުކޮށް ވާހަކަފުޅުދައްކަވައި ބަހުސް ދިގު ނުކޮށް އަވަހަށް ބަޖެޓު ފާސްކުރަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ޕީޕީއެމްގެ ފަރާތުން ދަންނަވާލަން ބޭނުންވަނީ ބަޖެޓަށް މާ ދިގުކޮށް ބަހުސް ނުކޮށް ބަޖެޓު އަވަހަށް ފާސްކޮށްދެމާ ހިނގާށޭ. ބަޖެޓު ފާސްކޮށްލައިގެންނޭ އަޅުގަނޑުމެން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެވެން އޮތީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ބަޖެޓުގައި ބައެއް ރަށްތަކަށް ބޭނުންވާ ކަންކަން ސީދާ ލިިޔެފަ ނެތް ކަމުގައި ވީ ނަމަވެސް ރައީސް އަބްދުﷲ ޔާމީން މި ދައުރު ނިންމާލާއިރު ހުރިހާ މެންބަރުންގެ ދާއިރާތަކަށް ވެސް މުހިންމު ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ބަޖެޓަށް ވޯޓު އެހުން އޮންނާނީ މިއަދު މެންދުރު 1:30 ގައެވެ.

comment ކޮމެންޓް