އިދިކޮޅު މެންބަރުން ކުނޫޒުގައި ބަޖެޓު ދިރާސާ ކުރުމުން ނިހާން ކަންބޮޑުވުން ފާޅުކުރައްވައިފި

2018 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރި ކޮމެޓީގައި ނިހާން: މަޖިލީހަށް ބަޖެޓު ރިޕޯޓު ހުށަހަޅަމުން ނިހާން ވަނީ އިދިކޮޅު މެންބަރުންގެ ބައިވެރިވުން ނުލިބުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ބަޖެޓު ދިރާސާ ކުރުމުގެ މަސަތްކަތް ބޮއިކަޓްކޮށް އިދިކޮޅު މެންބަރުން މ. ކުނޫޒްގައި ބަޖެޓާ ބެހޭ ދިރާސާ ކުރުމުގެ މަސަތްކަތް ކުރުމުން ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ މުގައްރިރު ވިލި މާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓު، ކޮމެޓީން ދިރާސާކުރި އިރު އިދިކޮޅު މެންބަރުން ބައިވެރިވި ނަމަވެސް ތިން ވަނަ ޖަލްސާގައި ބަހުސް ކުރުމަށް ވަގުތު ކަނޑައެޅުމުގައި ހިޔާލުތަފާތުވުންތަކެއް އުފެދި އިދިކޮޅު މެންބަރުން ވަނީ ބެޖެޓު ކޮމެޓީން ނިކުމެ ވަޑައިގެންފަ އެވެ. އަދި އިދިކޮޅު ގިނަ މެންބަރުންތަކެއް ވަނީ ބަޖެޓާ މެދު ހުރި ކަންބޮޑުވުންތައް ސިލްސިލާ ޕެނަލް ޑިސްކަޝަންތަކެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒްގައި ކުރިއަށް ގެންގޮސްފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވައި ނިހާން ވިދާޅުވީ ބަޖެޓު ދިރާސާ ކުރުމުގެ މަސަތްކަތުގައި އިދިކޮޅު މެންބަރުން ބައިވެރިވެވަޑައި ނުގަތުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

"މި ބަޖެޓު މިނިސްޓަރު އޮފް ފިނޭންސް އިއްވި ދުވަހުގައި ވެސް މަޖިލީހުގައި ތަމްސީލްކޮށް ޑްރާމާ ކުޅެ ވަރަށް ބޮޑެތި ސްޓަންޓްތަކެއް ޖެއްސި ބޭފުޅުން އަޅުގަނޑުމެނަށް ފެނިގެންދިޔަ. މިތަނުން ބޭރުގައި ގެއެއްގެ ސިޓިން ރޫމްގެ ތެރޭގައި ބެޖެޓު ދިރާސާ ކުރި މަންޒަރު. މިއީ ހިތާމައެއް،" އިދިކޮޅު މެންބަރުން ކުނޫޒްގައި ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންތަކަށް އިޝާރާތް ކުރައްވައި ނިހާން ވިދާޅުވި އެވެ.

އިދިކޮޅު މެންބަރުންނާ ހިލާފަށް ޕީޕީއެމް އާއި އެމްޑީއޭގެ މެންބަރުންގެ ފަރާތުން ބަޖެޓު ދިރާސާ ކުރެއްވި ކޮމެޓީގައި ލިބުނު އެއްބާރުލުމަށް ނިހާން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ބެޖެޓް ރިޕޯޓް ހުށަހަޅުއްވަމުން ނިހާން ވިދާޅުވީ ބަޖެޓާ ގުޅިގެން މިނިވަން މުއައްސަސާތަކާއި ދައުލަތުގެ އެހެން ވުޒާރާތަކުން ވެސް އެއްކުރި މައުލޫމާތުތަކުން ޖުމްލަ ގޮތެއްގައި އެތަންތަނުން ބަޖެޓަށް ތާއިދުކުރައްވާ ކަން ހާމަކޮށްފައިވާ ކަމަށެވެ.

"މިނިސްޓަރު އޮފް ފިނޭންސް އަޅުގަނޑުމެނަށް ޔަގީންކަން ދެއްވާ މިނިވަން މުއައްސަސާއެއްގެ ގާނޫނީ ޒިންމާ އަދާކުރުމަށް ނުވަތަ އެއްވެސް އޮފީހެއްގެ ގާނޫނީ ޒިންމާ އަދާކުރުމަށް ދަތި ނުވާނެ ގޮތެއްގެ މަތިން ހިގަމުން މުދާ އަހަރު ވެސް އެ އެހީތެރިކަމާ އެއްބާރުލުން މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށް،" ނިހާން ވިދާޅުވި އެވެ.

comment ކޮމެންޓް