ބާސާ އިން ގްރީޒްމަނަށް ޝައުގުވެރިވޭ!

އެތުލެޓިކޯ މެޑްރިޑްގެ ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަން --

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުންދާ ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަން ހޯދުމަށް ބާސެލޯނާ އިން ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އީއެސްޕީއެން އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕަށް ފަހު ގްރީޒްމަން ފެނިގެންދާނީ ބާސާގެ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެގޮތުން އޭނާގެ ޓްރާންފާ ފީ އެއްގެ ގޮތުގައި ބާސާ އިން 90 މިލިއަން ޔޫރޯ އެތުލެޓިކޯއަށް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ބާސާއަށް ރެކޯޑު އަގަކަށް ބޮރޫޝިއާ ޑޯޓްމަންޑުން ގެނައި އޮސްމާން ޑެމްބެލޭ އަށް ސީޒަނުގެ ވަރަށް ކުރީކޮޅު ވަނީ އަނިޔާވެ، ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިފަ އެވެ. އެހެންކަމުން އޭނާ ނެތްތަން ފޫބެއްދުމަށް ގްރީޒްމަން އަކީ އެންމެ އެކަށީގެންވާ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

އެތުލެޓިކޯ މެޑްރިޑުގައި ހުރެ މުބާރާތްތައް ކާމިޔާބު ނުކުރެވޭތީ ގްރީޒްމަން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ވެސް ވަނީ ގްރީޒްމަން ގެންނަން ބޭނުންވާ ކަމުގެ އިޝާރާތެއް ދީފަ އެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަލްވާޑޭ ބުނީ ގްރީޒްމަން ބާސާއަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކައިގައި މިވަގުތު އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވާ ކަމަށާއި އެހެނަސް އޭނާއަކީ ބާސާއަށް ކުޅުމުގު ހުނަރު ހުރި މޮޅު ކުޅުންތެރިއެއް ކަމަށެވެ.

ބާސާއަށް ގްރީޒްމަން ބަދަލުވާން އުޅޭ ކަމުގެ އިޝާރާތެއް ބާސާގެ ކޯޗު ކޮށްފައިވާ އިރު އޭނާ ހޯދުމަށް ޔޫރަޕުގެ މަޝްހޫރު ޓީމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފްރާންސްގެ ޕީއެސްޖީ އާއި އިނގިރޭސިވިލާތުގެ ޗެލްސީ އަދި މެންޗެސްޓާ ޔުނައިޓެޑް ހިމެނެ އެވެ.

comment ކޮމެންޓް