ފެނުނީ ބޭރުގެ ހަތަރު މަސްބޯޓު، އެ ބޯޓުތައް ހުއްޓުވީ މަސްވެރިން

ހުވަދޫ މަސްވެރިންތަކެއް މަހަަށް ނުކުމެ-- ސަން ފައިލް ފޮޓޯ

ގއ. ކޮލަމާފުށީ ބޭރުން، ރާއްޖޭގެ މަސްވެރިންތަކަކަށް ބޭރުގެ މަސް ބޯޓުތަކެއް ފެނިގެން، ދިވެހި މަސްދޯނިތަކުން ނުކުމެ، އެ ބޯޓުތައް ހުއްޓުވާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ހުވަދޫ އަތޮޅުގައި މިއަދު މަސްވެރިކަމަށް ނުކުތް ދޯންޏެއްގެ ކެޔޮޅަކު "ސަން"އަށް ބުނީ ގިނަ އަދަދެއްގެ ބޭރުގެ މަަސްބޯޓުތަކެއް ކޮލަމާފުއްޓާ ދިމާލުން ބޭރުން ފެނިގެން "އެ ބޯޓުތައް ފަހާ ދޯނިތައް ދުވައްމުންދާ" ކަމަށެވެ. އަދި އެ ކަން ސިފައިންނަށް އަންގާފައިވާ ކަމަށް ވެސް އެ ކެޔޮޅު ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓުތައް ފެނިގެން ހުއްޓުވާފައި ވަނީ ދިވެހި މަސްވެރިން ކަމަށެވެ. އެ ސަރަހައްދަށް ދިއުމަށް ކޯސްޓުގާޑުގެ ފާމުލަދޭރި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެ ބޯޓުތަކަކީ ގަވާއިދާ ހިލާފަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަތް ބޯޓުތަކެއް ކަމެއް އެމްއެންޑީއެފަކުން އަދި ކަށަވަރެއް ނުކޮށްދެ އެވެ.

comment ކޮމެންޓް