ހއ. ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރަން އެ ރަށު އިހުތިސާސަށް ބަދަލު ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
އެ ރަށު ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަކީ ރައީސްގެ ވައުދެކެވެ.

ކެލާ: އެ ރަށު ފަޅުގައި 2 ރިސޯޓު އަޅަން އިހުތިސާސަށް ވަނީ ބަދަލު ގެނެސްފައި -- ފޮޓޯ/ ޕީއެސްއެމް
ރައީސް މިއަދު ނެރުއްވި ގަރާރެއްގައި ވަނީ އެ ރަށު ފަޅުތެރެއިން 325.5 ހެކްޓަރު އުނިކުރަން ނިންމަވާފައެވެ. ރައީސް އޮފީހުން ބުނީ، އެ ގަރާރު ނެރުއްވީ ރަށްރަށުގެ އިހުތިސާސް ކަނޑައަޅަން ރައީސަށް ލިބިދީފައިވާ ބާރުގެ ތެރެއިން ކަމަށެވެ.
އެކަމަކު، މަޝްރޫއާ ގުޅޭ އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެއެވެ.
ރައީސް ފެބްރުއަރީ މަސް ތެރޭގައި ކެލައަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވަނީ ކެލާގެ ރައްޔިތުންގެ ބޭނުންވާ ގޮތަށް އަދި ކައިރީގައި ހުރި އެހެން ރަށްތަކަށް ވެސް ފައިދާވާނެ ގޮތަށް އެ ރަށުގެ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

"އެއީ އެންމެ މުހިންމު މަޝްރޫއުގެ ގޮތުގައި ދަންނަވާލަން. އެ މަޝްރޫއު ހަގީގަތަކަށް ހަދައިދޭނަން،" އެ ދުވަހު ރައީސް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން އަންނަނީ ގިނަ މަޝްރޫއުތަކެއް އިއުލާނުކުރަމުންނެވެ.
ރައީސް މުއިއްޒު ވަނީ މި އަހަރާއި އަންނަ އަހަރަކީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ އަހަރުތައް ކަމަށާއި ވައުދުތައް އެ މުއްދަތުގައި ފުއްދައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު މި ފަހުން ވަނީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަސް ތެރޭ 550 އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތް ފެއްޓޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.