ރާއްޖޭގައި އުފައްދާ މުދަލުގެ ތެރެއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 10 ޕަސެންޓުގެ ޓެރިފެއް ނަގާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރައްވައިފިއެވެ.
ވައިޓް ހައުސްއިން ވަނީ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގާނެ އާ ޓެރިފް ރޭޓުތައް އިއްޔެ އިއުލާނުކޮށްފައެވެ.
އެގޮތުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖެއިން އެތެރެކުރާ މުދަލަށް 10 ޕަސެންޓުގެ ޓެރިފެއް ދައްކަންޖެހޭނެއެވެ.
އާންމު ގޮތެއްގައި ރާއްޖެއިން އެމެރިކާއަށް އެތެރެކުރަނީ ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތަކެވެ.
އެމެރިކާ ސަރުކާރުން އާއްމުކޮށްފައިވާ އާ ޓެރިފް ލިސްޓުގައި ނުހިމެނޭ އެއްވެސް ގައުމަކުން، އެމެރިކާއަށް އަންނަ އެއްވެސް އުފެއްދުމަކުން ބޭސްލައިން 10 ޕަސެންޓު ޓެރިފެއް ނަގާނެ ކަމަށް ވަނީ ބުނެފައެވެ.
ނިސްބަތުން ރާއްޖެއަށް މި ނަގަނީ ކުޑަ ޓެރިފް ރޭޓެކެވެ. މި ސަރަހައްދުގެ އެހެން ގައުމުތަކުން އެތެރެ ކުރާ މުދަލަށް މާ ބޮޑު ރޭޓެއްގައި ޓެރިޕް ނަގަން ވަނީ ނިންމައިފައެވެ.
އެމެރިކާ ސަރުކާރުން ނަގާ ޓެރިފް ރޭޓުތަކަށް ބަދަލު ގެނެސްފައިވާއިރު، އެ ބަދަލު ގެންނާނެ ކަމުގެ ވާހަކަތައް ދައްކާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަދި އެ ޓެރިފް ޕެކޭޖަކީ އެމެރިކާ ސަރުކާރުން މިހާތަނަށް އެކުލަވައިލި އެންމެ ބޮޑު ޕަސެންޓޭޖެއް ނަގާ ޓެރިފް ޕެކޭޖުކަމަށް ފޯބްސް އިން ވަނީ ރިޕޯޓުކޮށްފައެވެ.
ޓެރިފް ރޭޓުތަކަށް ގެނައި ބަދަލާއެކު ދުނިޔޭގެ އިގުތިސޯދު މަޑުޖެހިދާނެ ކަމަށް ވެސް އިގްތިސޯދީ މާހިރުން ލަފާކުރެއެވެ.