ޒުވާނުންގެ މަހާސަމާ ދެން ބާއްވާނީ ދިރާގު ރޯޑްރޭސް އާއެކު!

ހުޅުމާލެ ސެންޓްރަލް ޕާކްގައި ޒުވާނުންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޒުވާނުންގެ ދުވަހާ ދިމާކޮށް ހަައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ބްލެކް ޕްރައިވެޓް ލިމިޓެޑް ގުޅިގެން ބޭއްވުމަށް ނިންމާފައިވާ "ޔޫފެސްޓް" މި މަހުގެ 24 ވަނަ ދުވަހަށް ފަސްކޮށްފި އެވެ.

"ޔޫ ފެސްޓް"އަކީ މިހާތަނަށް ޒުވާނުންނަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަހާސަމާ ނުވަތަ ފެސްޓިވަލަށް ވާނެއެވެ.

އެޗްޑީސީއާ ބްލެކް ޕްރައިވެޓް ލިމިޓެޑް ގުޅިގެން ބާއްވާ މި ހަރަކާތް ހުޅުމާލޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާނެ އެވެ. ހުރިހާ ޒުވާނުންނަށް ވެސް އެ ފެސްޓިވަލަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ފެސްޓިވަލް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ ބްލެކް ޕްރައިވެޓް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖާ މާކެޓިން އެންޑް ޕީއާރް އަލީ ޖިނާހު "ސަން"އަށް ވިދާޅުވީ ޔޫ ފެސްޓް ބާއްވާ ދުވަސް ލަސްވި ނަމަވެސް ފެސްޓިވަލްގެ އެއްވެސް ހަރަކާތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.

"މިހާރު މި ނިންމީ ދިރާގު ރޯޑްރޭސް އާއެކު މި ފެސްޓިވަލް ކުރިއަށް ގެންދަން. އިތުރު އެއްވެސް ބަދަލެއް ނާންނާނެ،" ޖިނާ ވިދާޅުވިއެވެ.

ގިނަ ހަރަކާތްތަކެއް އޮންނާނެ
އަންނަ ހުކުރު ދުވަހު ބާއްވާ އެ ފެސްޓިވަލުގައި ޒުވާނުންނަށް ހާއްސަކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ. އެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ "ތީމްޕާކް" އެއްގެ އިހްސާސް ކުރެވޭނެ ގޮތަކަށެވެ.

ފެސްޓިވަލްގެ ތެރޭގައި ޔޯގާ، ބައިކް ރައިޑް، ވޯޓާ ސްޕޯޓްސް، ސްކެވެންޖާ ހަންޓް، އޮބްސްޓެކްސްލް، ކޭމާޓް ރޭސް އަދި މިއުޒިކް ޝޯ ފަދަ ހަރަކާތްތައް ހިމެނެ އެވެ. މީގެ އިތުރުން ހަވީރު ގަޑީގައި ހާއްސަ ކުޑަކުދިންގެ ހަވީރެއް ވެސް ކުރިއަށް ދާނެއެވެ.

މި ހަރަކާތްތަކުގައި ބައިވެރިވުމަށް ޕްރީ ރަޖިސްޓާ ކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. https://youfest.mv/ މެދުވެރިކޮށް އޮންލައިންކޮށް ވެސް މިހާރު ރަޖިސްޓްރީ ކުރެވެނެއެވެ.

ޔޫ ފެސްޓްގެ ހަރަކާތްތައް ކުރިއަށްދާ ވަގުތު އެކި ވައްތަރުގެ ކާބޯތަކެތި ލިބޭނެ ފުޑް ކޯޓުތައް ވެސް ހުންނާނެއެވެ. ލައިވް މިއުޒިކް ކުރިއަށްދާއިރު ރާއްޖޭގެ އާޓިސްޓުންނާ ބޭރުގެ އާޓިސްޓުންގެ ހުށަހެޅުންތައް ވެސް ފެނިގެންދާނެއެވެ. އޭގެ ތެރޭ ޝަލަބީ، މީރާ، އީކުއޭޓިކް ވައިބް، ދި ޓިއުން ފަދަ ބޭންޑްތައް ފެނިގެންދާނެއެވެ. ބޭރުގެ އާޓިސްޓެއްގެ ގޮތުގައި ފެނިގެންދާނީ ފިލިޕީންސްގެ އާޓިސްޓެކެވެ.

އާއިލާ ތަކަށްވެސް ދެވޭނެ
މިއީ ހަމައެކަނި ޒުވާނުންނަށް ހާޢްސަ ފެސްޓެއް ނޫނެވެ. އާއިލާތަކަށްވެސް މި ފެސްޓިވަލްގެ ހަރަކާތްތަކުގައި ބައިވެރި ވެވޭނެ އެވެ. ޒުވާނުންގެދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ އުމުރު ފުރާއަކަށް ވަނީ ހުޅުވާލާފައެވެ.

comment ކޮމެންޓް