ފިރުޝާން: ހުޅުމާލެ ވަކި ސިޓީއަކަށް ބަދަލުކުރުމުގެ ތަސައްވުރު

ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ހުޅުމާލޭ ދެކުނަށް ވާދަކުރައްވާ ހުސެއިން ފިރުޝާން: އޭނާގެ އެންމެ ބޮޑު ތަސައްވުރަކީ ހުޅުމާލޭ ވަކި ސިޓީއަކަށް ބަދަލުކުރުން -- ފޮޓޯ/ ދައުލަތުގެ މީޑިއާ

ގެންގުޅުއްވަނީ ހުޅުމާލެ ވަކި ސިޓީއަކަށް ބަދަލުކުރުމުގެ ތަސައްވުރު ކަމަށް އާދިއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުޅުމާލޭ ދެކުނު ދާއިރާއަށް ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރައްވާ ހުސައިން ފިރުޝާން މިއަދު ވިދާޅުވެއްޖެއެވެ.

ބޮޑު އާބާދީއެއް އޮންނަ ހުޅުމާލެއަކީ މާލޭ ސިޓީގެ ބައެކެވެ. އެކަމަކު، ހުޅުމާލެ މި ފަހާ ޖެހެންދެން ވެސް ހިންގަމުން އައި ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ންނެވެ.

ފިރުޝާން ވިދާޅުވީ، 2022 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުގައި ހުޅުމާލޭގައި ގާތްގަނޑަކަށް 65،000 އެއްހައި މީހުން ދިރިއުޅެމުން އަންނަ ކަމަށެވެ. އަދި، އެ ތަނުގައި ރަޖިސްޓްރީވެގެން 15،000 އަށްވުރެ ގިނަ މީހުން އުޅޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ބޮޑު އާބާދީ ތަމުސީލުކުރުން މާލޭ ސިޓީ ކައުންސިލްގެ 18 ކައުންސިލަރުންގެ ތެރޭގައި ހުންނަވަނީ އެންމެ ކައުންސިލަރެއް ކަމަށެވެ.

"އެހެން އެކަން އޮންނާތީ ރައްޔިތުން ހަގީގަތުގައި ތަމުސީލެއް ނުކުރެވޭ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހުޅުމާލެ އަދިވެސް މެނޭޖުކުރަނީ އެޗްޑީސީން ކަމަށެވެ. މިއީ ރާއްޖޭގައި ވިޔަފާރި ކުންފުންޏަކުން ހިންގާ ހަމައެކަނި ރަށްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ގާނޫނޫއަސާސީގެ އަށްވަނަ ބާބުގައި ތަސައްވުރުކުރާ ލާމަރުކަޒީ އުސޫލުން ހުޅުމާލެ ހިނގަމުންނުދާ ކަމަށެވެ.

"މިކަން މިހެން އޮންނާތީ ރައްޔިތުންގެ ފަރާތުން ހައްގު ވަކާލާތެއް ނުހިނގާ. ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންގެ ވިސްނުމަކުން ނުހިނގާ. ޕްލޭންކުރުމުގައާއި ކަންކަން ނިންމުމުގައި ހުޅުމާލޭގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއެއް ނުހޯދާ. އަދި، އެ ރައްޔިތުންގެ ބައިވެރިވުމެއް ނޯވޭ،" އޭނާ ވިދާޅުވިއެވެ.

"ހުޅުމާލޭގެ ކަންކަމުގައި ރައްޔިތުންނަށް ޖަވާބުދާރީވާނެ ވެރިންނެއް ނުތިބޭ. އެޗްޑީސީގެ ވެރިން އައްޔަންކުރަނީ ސަރުކާރުން. ރައްޔިތުންގެ ބާރެއް ހުޅުމާލެ ހިންގުމުގައި ނޯވޭ،"

ފިރުޝާން ގަބޫލުކުރައްވާ ގޮތުގައި ހުޅުމާލެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ އެއީއެވެ. އަދި، އެކަން ފެށިގެން އަންނަނީ އިދާރީ ހިންގުމާ ހަމައިންނެވެ.

"މިކަން ހައްލުވާނީ ހުޅުމާލެ ވަކި ސިޓީއަކަށް ބަދަލުވެގެން،" އޭނާ ވިދާޅުވިއެވެ.

"ހުޅުމާލޭގެ ރަށްވެހިންގެ ހިޔާލާއި މަޝްވަރާއާ އެކު އެކަން ކުރަން އަޅުގަނޑު ނުކުމެ މި ހުރީ. އެ މީހުންގެ ބައިވެރިވުން އޮންނަ ލާމަރުކަޒީ ބޮޑު ބަދަލު ހުޅުމާލެއަށް ގެނައުމަށް،"

ފިރުޝާންގެ ވިސްނުމަކީ ސިޓީ ކައުންސިލްގެ އިންތިޒާމުގެ ތެރެއިން ނެއިބާހުޑް ކައުންސިލްތައް އުފައްދާ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމެވެ. އަދި، ސަގާފީ ކަންކަމާއި އިޖުތިމާއީ ރޫހާއި، އެއްބައިވަންތަކަން، އެއްބައެއްވަންތަކަމަށް އެ ކައުންސިލް މެދުވެރިކޮށް މަސައްކަތްކޮށް، ހުޅުމާލޭގައި ރަށްވެހިކަމުގެ ރޫހު އުފެއްދުމެވެ.

"އަޅުގަނޑު ހޮވިއްޖެ ނަމަ އަޅުގަނޑު ހިންގާނީ ރައްޔިތުންގެ ހައްގު ވަކާލާތެއް. އެހެނީ، އަޅުގަނޑުގެ ހިއްސާ އޮންނަ އެއްވެސް ވިޔަފާރިއެއް މަސްލަހަތެއް ނެތް. އަޅުގަނޑުގެ ފަސް، ހަ ރިސޯޓެއް ވެސް ނެތް. އަޅުގަނޑުގެ ނަރުދަމާ ޕްރޮޖެކްޓެއް ވެސް ނެތް. ހަމައެހެންމެ، އަޅުގަނޑަކީ ސަރުކާރުން ފޮނުވާހާ އެއްޗެއްގައި ރަބާ ސްޓޭމްޕު ޖަހަން އަންނަ މީހެއް ވެސް ނޫން. އަޅުގަނޑަކީ ސީދާ ރައްޔިތުންގެ ހައްގު ވަކާލާތު ހިންގަން އަންނަ މީހެއް. އަޅުގަނޑަކީ ފުލްޓައިމް މި މަސައްކަތް ކުރާ މީހެއް،" އޭނާ ވިދާޅުވިއެވެ.

އެހެންވެ، ހުޅުމާލެއަށް އެ ބަދަލުތައް ގެނައުމަށް ފިރުޝާނަށް ވޯޓުދެއްވަން އޭނާ ވަނީ ހުޅުމާލޭގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ފިރުޝާން މިހާރު ވެސް އަންނަނީ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެންބަރުކަން ކުރައްވަމުންނެވެ.

comment ކޮމެންޓް