ލަންކާގައި ދިވެހިން ދިރިއުޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ސްރީލަންކާގެ ކޮލޮމްބޯ -- ފޮޓޯ/ ސިނަމަން ރެޑް

ސްރީ ލަންކާގައި ދިވެހިން ދިރިއުޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ލަންކާގެ ދެހިވަލަ ސަރަހައްދުގައި ހުރި ގެއެއްގައި ރޭ 11:30 އެހާކަންހާއިރު، ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ އެ ހާދިސާ ހިނގައިގެން އުޅޭ ހަބަރު ލިބުމާއެކު، އެ ސަރަހައްދަށް ގޮސް ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި އެމްބަސީގެ އެހީތެރިކަމާއެކު، އަލިފާން ރޯވި ގޭގައި ދިރިއުޅުނު ދިވެހިން އެހެން ތަނަކަށް ބަދަލުކޮށްދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަލިފާން ރޯވި ގޭގައި ދިރިއުޅެނީ ދިވެހި އާއިލާއެއް ކަމަށާއި އަލިފާން ރޯވީ އެ ގޭގެ ދެ ވަނަ ބުރީގައި ކަމަށެވެ.

ލަންކާއަކީ ދިވެހިން އާންމުކޮށް ދަތުރުކުރާ، އަދި 15،000 އަށް ވުރެ ގިނަ ދިވެހިން ދިރިއުޅޭ ގައުމެވެ. އެ ގައުމުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެނީ ދެހިވަލަ ސަރަހައްދުގަ އެވެ.

comment ކޮމެންޓް