ހަތަރު އަހަރު ތެރޭގައި 429 ގައިދީން މިނިވަންކޮށްފިން: ރައީސް

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާ ރައީސް ޔާމީން ސަލާމް ކުރައްވަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މި ސަރުކާރުން 429 ގައިދީއަކު މިނިވަން ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އެގޮތަށް ވިދާޅުވީ ސަރުކާރަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތުގައި "ބަހާރެކޭ"ގެ ނަމުގައި ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޒުވާނުން ކުރިން ކުރި ދަތުރުގައި ބިކަވެ ބިތްޖެހި، އެމީހުންނާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި ޖަލުގެ ތޭރިތަކުން ޖާގަ ހޯދަމުން ދިޔަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެއީ ކުރީގެ ފިކުރާއީ ކުރީގެ ރައީސުންގެ ދުވަސްތައް ކަމަށެވެ.

އަދި މިއަދުގެ ރައީސް އަކީ ޒުވާނުންނަށް އިތުބާރާއި ހިތްވަރު ދީ، ޒުވާނުން އަނބުރާ މުޖުތަމައުއަށް ނެރެން މަސައްކަތްކޮށް މުޖުތަމައުގައި އެމީހުންނަކީ ގަދަރު ލިބިގެންވާ ބަޔަކަށް ހެދުމަށް މަސައްކަތްކުރާ ރައީސެއް ކަމަށް ވިދާޅުވި އެވެ.

"މިއަދު އުފުލާ އެކު ދަންނަވަން ޖެހެނީ މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޖަލުގައި ތިބި ގައިދީންގެ ތެރެއިން 429 ގައިދީން ވަނީ މިންޖުކޮށް، ވަޒީފާގެ ފުރުސަތު ހޯދުމަށް މިނިވަން ކުރެވިފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ޒުވާނުންނަކީ ގާނޫނުގައި އޮތްގޮތް ބަލާލުމެއް ނެތި އެމީހުންގެ އުޅުމުގެ ތެރޭގައި ކަންކަން ތަޖުރިބާ ކުރާނެ ބައެއް ކަމުން ޒުވާނުންގެ ތެރޭގައި ކޮންމެވެސް ކުށެއް ނުވަތަ ކޮންމެވެސް ތުހުމަތެއްގެ ތެރޭގައި އުޅޭ ކުދިން ހިމެނޭ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ދައުލަތުގެ ވަޒީފާއަކަށް ޝަރުތު ހަމަނުވެ އާމްދަނީ ލިބުމުގެ ދޮރު ބަންދުވެ ދާކަން ރައީސް ފާހަގަކުރެއްވި އެވެ.

"ކުށުގެ ރެކޯޑް އޮންނަ އޮތުމަކީ ވަޒީފާ ހޯދުމަށް އޮންނަ ހުރަހެއް ކަމަށް އޮތް ހުރަސް ނައްތާލައި އެއީ ހުރަހެއް ނޫން ކަމަށް ހަދައި އެތަކެއް ޒުވާނުން ވިއްލައިފީމް. ކުށުގެ ރެކޯޑް ނެތް ބަޔަކަށް ހަދައިފީމް. އެކުދިންގެ އަދަދަކީ 5752 ކުދިން. އެކުދިންނަކީ މިއަދުން މިއަދަށް ވެސް ވަޒީފާގެ ފުރުސަތު ލިބޭނެ ކުދިން، ޖާގަ ހޯދާނެ ކުދިން،" ރައީސް ވިދާޅުވި އެވެ.

ރައީސް އެގޮތަށް ވިދާޅުވެފައިވާއިރު، ޖިނާއީ ބޮޑެތި ކުށްތަކުގައި ނުހިމެނޭ މީހުންގެ ކުށުގެ ރެކޯޑު ސާފުކޮށް ދޭ ގޮތަށް ނިންމައި އެކަމާ ގުޅޭ ގަވާއިދަށް މިދިޔަ ހަފްތާގެ ތެރޭގައި ގެނައި އިސްލާހުގެ ދަށުން 15،328 އަށް ވުރެ ގިނަ މީހުންގެ ކުށުގެ ރެކޯޑް ސާފު ވެގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

"ޕޮލިސް ރެކޯޑް ހާމަކުރުމުގެ ގަވާއިދު"އަށް މިދިޔަ ހަފްތާގެ ބުދަ ދުވަހު ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުން ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނޭ ކުށްތައް ކޮށްފައިވާ މީހުންގެ ކުށުގެ ރެކޯޑް ވަޒީފާގެ ބޭނުމަށް ސާފު ކޮށްދެވޭނެ އެވެ.

ނަމަވެސް ކުށުގެ ރެކޯޑް ސާފު ކޮށްދެވޭނީ އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި ފާއިތުވި ތިން އަހަރުގެ ތެރޭގައި ދެ ވަނަ ފަހަރަށް ތަކުރާރުކޮށް އެ ކުށް ނުކުރާ މީހުންގެ އެވެ.

އިސްލާހުގައި ބޮޑެތި ކުށްތަކުގެ ގޮތުގައި ބަލާފައި ވަނީ އެކި ގޮތްގޮތުން ކުޑަކުދިންނަށް ގޯނާ ކުރުމާއި ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައި ތަހުގީގު ހިނގަމުންދާ ކުށެއް އަދި ރޭޕް ކުރުމުގެ ކުށެވެ.

އަދި އެއިން މައްސަލައެއް ތަހުގީގުކޮށް، ޝަރީއަތުން ގޮތެއް ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ މައްސަލަތައް ވެސް ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނެ އެވެ.

comment ކޮމެންޓް