ޔާމީން އިންނެވި ތިނަދޫ ޖަލްސާގައި ނަޝީދު: ތިނަދޫއަށް ތަރައްގީ ލިބުނީ ކޮންކްރީޓާ ހެދިއެއްނޫން، ޑިމޮކްރަސީއާހެދި

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޔާމީންގެ އިތުރުން ކުރީގެ ރައީސް ޞާލިޙް އެކުގައި ބައްދަލުކުރެއްވުން: -- ސަން ފޮޓޯ: ޝާތިއު

ތިނަދޫ ސިޓީއަށް ނުވަތަ ހަވަރު ތިނަދޫއަށް ލިބިފައިވާ ތަރައްގީގެ އަސްލަކީ ކޮންކްރީޓް ނޫން ކަމަށާއި، އެއީ ޑިމޮކްރެޓިކް ނިޒާމުގެ ސަބަބުން ލިބުނު ކުރިއެރުމެއް ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫގައި މީހުން އަލުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ނަޝީދު ވިދާޅުވީ ތިނަދޫއަށް ލިބިފައިވާ ތަރައްގީގެ އަސްލަކީ ކޮންކްރީޓް ނޫން ކަމަށާއި، އެއީ ޑިމޮކްރެޓިކް ނިޒާމުގެ ސަބަބުން ލިބުނު ކުރިއެރުމެއް ކަމަށެވެ.

ޔާމީން ވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ނަޝީދު ދެއްކެވި މި ވާހަކަފުޅަކީ، ޔާމީނަށާއި އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތަކަށް އަމާޒުކުރައްވައި ވިދާޅުވި ބަސްފުޅެއް ކަމަށް ބެލެވެއެވެ.

ސަބަބަކީ ޔާމީން މަޝްހޫރުވެފައިވަނީ ބޮޑެތި އުމްރާނީ އަދި "ކޮންކްރީޓް ތަރައްގީ" ރާއްޖެއަށް ގެނެސްދެއްވި ވެރިއެއްގެ ގޮތުގައެވެ. އަދި މިރޭގެ ޖަލްސާގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވެސް ތިނަދޫއަށް އެ މަނިކުފާނުގެ ސަރުކާރުގައި ކޮށްދެއްވި ކަންކަން ފަހަގަވެސް ކުރެއްވިއެވެ.

ޔާމީނަށްފަހު ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، މާޒީގައި ލާމަރުކަޒީ ނިޒާމު ނެތުމުގެ ސަބަބުން ކުރެވުނު އިހުތިޖާޖުތައް އެންމެ ފަހުން ބަދަލުވެގެން ދިޔައީ ދެކުނުގެ ތިން އަތޮޅު ދިވެހި ދައުލަތާ ވަކިވެގެން ދިޔުމަށް ކަމަށެވެ. ނަމަވެސް، ލާމަރުކަޒީ ނިޒާމު ތައާރަފްވެ، ތިނަދޫ ރައްޔިތުންނާއެކު ކުރެވުނު މަސައްކަތުން ރާއްޖެއަށް ޑިމޮކްރެޓިކް ނިޒާމެއް ގެނެވުނު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ތިނަދޫގައި ތިބޭފުޅުން މިއަދު ދެކޭ ހުރިހާ ތަރައްގީއެއްގެ އަސްލަކީ އެ ޑިމޮކްރެޓިކް ނިޒާމް. ކޮންކްރީޓެއް ނޫން ތިބޭފުޅުންގެ ތަރައްޤީއަކީ. ތިބޭފުޅުންގެ ތަރައްޤީއަކީ ތިބޭފުޅުންގެ ވިސްނުމަށް ތިޔަ އައި ބަދަލު. މިނިވަންކަމަށް ތިބޭފުޅުން ކުރާ ޤަދަރު،" ނަޝީދު ވިދާޅުވިއެވެ.

ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ދައުލަތުގެ އާމްދަނީ އިތުރުކުރެވޭނެކަން ތިނަދޫ ރައްޔިތުންނަށް ސާފުވެފައިވާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، 2008 ވަނަ އަހަރުގެ ކުރިން ދައުލަތުގެ އަހަރީ ބަޖެޓަކީ ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް ޑިމޮކްރަސީއަށް ފަހު ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި އެ އަދަދު އެތައް ގުނައަކަށް އިތުރުވެ، ފަނަރަ ބިލިއަނަށް ވުރެ މައްޗަށް އަރައިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ދައުލަތަށް އާމްދަނީ ލިބޭ މިންވަރު އިތުރުވުމުން އަޅަންވީ މަގުތަކާއި، ހަދަންވީ އިމާރާތްތަކާއި، ބަނދަރުތަކާއި އަދި ނަރުދަމާތައް ވެސް ހަދަންވީ ކަމަށެވެ. އަދި އެ ހުރިހާ ކަމެއް ކުރާއިރު ހަމައެކަނި ނުކުރަންވީ ކަމަކީ "ވައްކަން" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި އެ ވާހަކަފުޅަކީ ވެސް ޔާމީނަށް ނިސްބަތްކުރެއްވި ވާހަކަފުޅެކެވެ. ސަބަބަކީ އެ ވެރިކަމުގައި ވެސް ވައްކަމާއި ޚިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވާތީއެވެ.

comment ކޮމެންޓް