ކ. މާފުށީގައި ފުޓްސަލް ދަނޑެއް ހުޅުވައިފި

ކ.މާފުށީ ފުޓްސަލް ދަނޑު ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ހުޅުވައި ދެއްވަނީ-- ފޮޓޯ: ޔޫތް މިނިސްޓްރީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ސަރުކާރުން ކުރިއަށް ގެންދާ ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ކ. މާފުށި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި އެވެ.

މާފުށީގައި އެ ފުޓްސަލް ދަނޑު ހުޅުވައި ދެއްވީ ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމެވެ.

ފުޓްސަލް ދަނޑު ހުޅުވުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ ރައީސް ޔާމީންގެ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން މުޅި ރާއްޖޭގައި ޤާއިމްކުރާ ކުޅިވަރު ދަނޑުތަކާއި ކޯޓުތައް އިތުރުވަމުން އަންނަ ކަމަށެވެ. ޒުވާނުންނަށް މިއަދު ލިބިފައިވާ އުފަލަކީ ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ހުޅުވިގެންދިޔަ ފުޓްސަލް ދަނޑުގައި ފުޓްސަލް ކުޅެވޭނެ ފަހި ފުރުސަތު ލިބިގެން ދިއުންކަމުގައި އެކަމަނާ ވިދާޅުވިއެވެ.

"މިއީ ރައީސް ޔާމީން ޒުވާނުންގެ އުންމީދުތައް ޙަޤީގަތަކަށް ހެއްދެވުމަށްޓަކައި އެމަނިކުފާނު މީގެ މާކުރިން ދެކެވަޑައިގަންނަވާ ހުވަފެންތަކުގެ ތެރެއިން އެއް ހުވަފެން. މާޒީވެ ގޮސްފައިވާ ސަރުކާރުތަކުން ޒުވާނުންގެ ތަރައްޤީއަށް އެތަކެއް ވަޢުދުތަކެއްވަނީ ވެފައި. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ވަނީ މި ރަށުގެ ބިމުގެ ޖާގައިގެ ދަތިކަމަކީ ޒުވާނުންގެ ތަރައްޤީއަށް އޮތް ހުރަހެއް ނޫން ކަމުގައި ސާބިތުކޮށްދެއްވާފަ" މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.

އެ ފުޓްސަލް ދަނޑު ޤާއިމްކުރުމަށް މިނިސްޓްރީގެ ބަޖެޓުން 4.1 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު ކުރިޔަށް އޮތް ތަނުގައި ދަނޑުގެ މަރާމާތު މަސައްކަތް ވެސް ބަލަހައްޓާނީ ޔޫތު މިނިސްޓްރީން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީ އިން ބުނެފައިވާ ގޮތުގައި ކ. މާފުށީގައި ސްޕޯޓްސް އެރީނާގެ އެހެނިހެން މަސައްކަތްތައް ވެސް ކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ބަށި ކޯޓެއް ޤާއިމްކުރުމާއި، ވޮލީ، ނެޓް ބޯޅަ އަދި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެއް ޤާއިމްކުރުން ހިމެނެއެވެ.

ސްޕޯޓްސް އެރީނާ މަޝްރޫއަކީ ރައީސް ޔާމީންގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވަޢުދެކެވެ.

comment ކޮމެންޓް