ވަރުގަދަ ސިޔާސީ އިއްތިހާދަކާއެކު މުޝައްރަފް ޕާކިސްތާނުގެ ސިޔާސީ މަސްރަހަށް އަލުން ނުކުމެ ވަޑައިގަންނަވަނީ

ޖެނެރަލް މުޝައްރަފް

ދުބާއި (ނޮވެމްބަރު 13): ޕާކިސްތާން އަވާމީ އިއްތިހާދު (ޕީއޭއައި)ގެ ނަމުގައި ބުރަދަން ހުރި ސިޔާސީ ވަރުގަދަ އިއްތިޙާދެއް ހެދުމުގެ މަސައްކަތް ޕާކިސްތާނުގެ ކުރީގެ ރައީސް ޖެނެރަލް ޕަރްވޭޒް މުޝައްރަފް ކުރައްވަމުން ގެންދަވާކަން އޭނާ ހާމަކުރައްވައިފިއެވެ.

ދުބާއިގައި ހުންނަވައިގެން ދެއްވި ބަޔާނެއްގައި ޖެނެރަލް މުޝައްރަފް ވިދާޅުވީ ޕާކިސްތާނުގައި ހިނގާ ތަޅާފޮޅުންތަކާއި ޓެރަރިޒަމްގެ އަމަލުތަކާއި ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވައި ޕާކިސްތާން އަލުން ބިނާކޮށް އާރާސްތުކޮށް ތަރައްގީ ވެފައިވާ ގައުމެއްގެ ގޮތުގައި އެގައުމު ނެރެވިދާނެ ކަމުގައެވެ. އެކަމުގެ ވިސްނުން އަބަދުވެސް ގެންގުޅުއްވާ ކަމަށާ ކިތަންމެ ހުރަސްތަކެއް ކުރިމަތިވިނަމަވެސް އެމަސައްކަތައިގެން ކުރިޔަށް ވަޑައިގަންނަވަން ބޭނުންވާ ކަމަށް މުޝައްރަފް ވިދާޅުވިއެވެ.

މިކަން ކުރުމަށްޓަކައި ޕާކިސްތާނުގެ އަދުގެ ސިޔާސީ މަސްރަޙް ބަދަލުކޮށްލެވޭފަދަ ބާރުގަދަ ސިޔާސީ އިއްތިޙާދެއް ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ގެންދަވާ ކަމަށް މުޝައްރަފް ވިދާޅުވިއެވެ. އުމުރުން ހަތްދިހަ ހަތަރު އަހަރުވެފައިވާ މުޝައްރަފް ވިދާޅުވީ ޕާކިސްތާން އަވާމީ އިއްތިހާދު (ޕީއޭއައި)ގެ ނަމުގައި އޭނާގެ ޒަޢާމަތުގެ ދަށުން އުފައްދާ ސިޔާސީ ކޯލިޝަންގައި މަދުވެގެން ތޭވީސް ޕާޓީ ހިމެނޭނެ ކަމުގައެވެ.

އެކަމަށްޓަކައި ޕާކިސްތާނުގެ ކުދި ޕާޓީތައް ކަމަށްވާ މުއްތަހިދާ ގައުމީ މޫވްމަންޓް (އެމްކިޔުއެމް) އާއި ޕާކިސްތާން ސަރްޒަމީން ޕާޓީ (ޕީއެސްޕީ) އަށާއި ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އަށްވެސް ދައުވަތު ދީފައިވާނެ ކަމަށާ އެޕާޓީތަކުން އީޖާބީ ޖަވާބެއް ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް މުޝައްރަފް ވިދާޅުވިއެވެ. ކުރީގެ ކުރިކެޓް ކުޅުންތެރިޔާ އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އަކީ ޕާކިސްތާނުގައި ތިންވަނައަށް އެންމެ ބޮޑު ޕާޓީއެވެ.

ޕާކިސްތާނުގައި އަބަދުވެސް ވެރިކަން ކުރަނީ ބޮޑު ދެޕާޓީ ކަމަށްވާ ބުއްޓޫ އާއިލާއަށް ނިސްބަތްވާ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އާއި ނަވާޒް ޝަރީފުގެ އިސްލާމިކް ލީގް ނަވާޒް ޕާޓީންނެވެ.

މިދެޕާޓީއަށް ވެރިކަން ކުރުމުގެ ފުރްސަތު އަބަދުވެސް ލިބެނީ މިދެޕާޓީގެ ސަޕޯޓަރުންގެ އަދަދު ގިނަކަމުންނެވެ. ޕާކިސްތާން ޕީޕަލްސް ޕާޓީއަށް ބަލާއިރު އެއީ ޕާކިސްތާން ސިންދު ސަރަހައްދުގެ ރައްޔިތުންގެ ތާއީދު އެންމެ ބޮޑު ޕާޓީއެވެ. ޕާކިސްތާނުގެ އާބާދީގެ ގާތްގަނޑަކަށް 30 އިންސައްތަ ދިރިއުޅެނީ ސިންދު ސަރަހައްދުގައެވެ.

ނަވާޒް ޝަރީފުގެ އިސްލާމިކް ލީގް ނަވާޒް ޕާޓީއަކީ ޕަންޖާބް ސަރަހައްދުގެ ރައްޔިތުންގެ ތާއީދު އެންމެ ބޮޑުޕާޓީއެވެ. ޕާކިސްތާނުގެ އާބާދީގެ ގާތްގަނޑަކަށް ފަސްދޮޅަސް އިންސައްތަ މީހުން ދިރިއުޅެނީ ޕަންޖާބް ސަރަހައްދުގައެވެ.

ޖެނެރަލް މުޝައްރަފް އަކީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލުމުގެ ޙާދިސާގައި އޭނާގެ އަތެއްވާކަމުގެ ތުހުމަތު ކުރެވިފައިވާ ބޭފުޅެއްނަމަވެސް އެއީ ސިޔާސީ ގޮތުން ކުރިޔަށް ވަޑައިގަތުމަށް އޮތް ހުރަހެއްކަމަށް މިހާރު އޭނާ ދެކެވަޑައެއް ނުގަނެއެވެ. އެމައްސަލައިން ބަރީއަ ވާނެކަމުގެ ޔަގީންކަން އެބައޮތްކަމާއި އެމައްސަލައިގެ ޝަރީއަތަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް މުޝައްރަފް ވިދާޅުވިއެވެ.

މުޝައްރަފް އަށް މިމައްސަލައިން ސަލާމަތްވާނެ ކަމުގެ ޔަގީންކަން ލިބިވަޑައިގަތީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ބާރާއި ނުފޫޒު އެގައުމުގެ ސްޕްރީމް ކޯޓުން މިހާރު ގެއްލި ޚުދު ނަވާޒް ޝަރީފުގެ މައްޗަށްވެސް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވި އެކަމުގެ ދައުވާ ކުރަމުން ގެންދާތީ ޕާކިސްތާނުގެ ސިޔާސީ މަސްރަހުން ނަވާޒް ޝަރީފް އެއްފަރާތް ވެފައިވާތީއެވެ. ސްޕްރީމް ކޯޓުގެ އަމުރު މިހާރު އޮތްގޮތުން ނަވާޒް ޝަރީފް ހުންނެވީ ސިޔާސީ މަގާމަކަށް އިންތިޚާބަކަށް ކުރިމަތިލެއްވޭ ގޮތަކަށް ނޫނެވެ.

މުޝައްރަފް އަކީ ނަވާޒް ޝަރީފުގެ ދެވަނަ ދައުރުގެ ވެރިކަން އަސްކަރީ އިންގިލާބަކުން ވައްޓާލައި ހަތް އަހަރު ވަންދެން ޕާކިސްތާނުގައި އަސްކަރީ ވެރިކަމެއް ކުރެއްވި އަސްކަރީ ޖެނެރަލެކެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް