ކޮންމެވެސް ދުވަހަކުން އެނބުރި ރެއާލްއާ ގުޅޭނަން: މޮރާޓާ

ޗެލްސީގެ ސްޕެއިން ފޯވަޑް އަލްވާރޯ މޮރާޓާ -- ފޮޓޯ/ އޭޕީ

ކޮންމެވެސް ދުވަހަކުން އެނބުރި ރެއާލް މެޑްރިޑާ ގުޅޭނެ ކަމަށް ޗެލްސީގެ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ ބުނެފި އެވެ.

ޒައިނުއްދީން ޒިދާންގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ރެއާލް ދޫކޮށް، މިސީޒަނުގައި ޗެލްސީއާ މޮރާޓާ ގުޅުނީ ރެއާލްގެ ފުރަތަމަ 11އިން އޭނާއަށް ޖާގައެއް ހޯދުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުމުންނެވެ.

ޗެލްސީއަށް ކުޅުނު 15 މެޗުން އަށް ލަނޑު ކާމިޔާބުކޮށްފައިވާ މޮރާޓާ ވަނީ އޭނާ ޗެލްސީގައި ހުރީ އުފަލުން ނޫން ކަމަށް ބުނަމުންދިޔަ ވާހަކަތައް ދާދި ފަހުން ދޮގުކޮށްފަ އެވެ.

ކުރިމަގުގައި ރެއާލްގެ ޓީމުން މޮރާޓާ ފެންނާނެތޯ ސުވާލު ކުރުމުން އޭނާ ބުނީ، ޗެލްސީގައި ހުރެ ހުރިހާ ކާމިޔާބެއް ހޯދުމަށްފަހު އެނބުރި ރެއާލްއާ ގުޅޭނެ ކަމަށާއި ރެއާލްގެ ހުށަހެޅުމަކަށް ނޫނެކޭ ބުނުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

"އަހަރެން ރެއާލަށް އެނބުރި ދާނަން. އެއީ ޝައްކެއް އޮތް ކަމެއް ނޫން. ޗެލްސީއާ އެކު ހުރިހާ ކާމިޔާބެއް ހޯދުމަށްފަހު އަދި މި ކްލަބާ އެކު ވަރުގަދަ ކެރިޔަރެއް ބިނާ ކުރުމަށްފަހު، އެކަން ވެދާނެ. އަހަރެން ކަހަލަ ރެއާލްގެ ސަޕޯޓަރަކަށް، އެމީހުންގެ ހުށަހެޅުމަކަށް ނޫނެކޭ ބުނަން އުނދަގޫވާނެ. ހަގީގަތަށް ބުނަންޏާ، އެކަން ވެދާނެއެކޭ އަހަރެން ނުބުނާނަން. އެކަމަކު ކުރިމަގުގައި ވެދާނެ ގޮތެއް ނޭނގެ،" މޮރާޓާ ބުންޏެވެ.

މޮރާޓާ ބުނީ، މިވަގުތު އެކަންތައްތަކާ މެދު އެއްވެސް ވަރަކަށް ނުވިސްނާ ކަމަށާއި މިވަގުތު ލަންޑަނުގައި އޭނާ ހުރީ އުފަލުގައި ކަމަށެވެ. އަދި ރެއާލުން ކުޅުންތެރިޔަކަށްވުރެ ބޮޑަށް، މީހެއްގެ ގޮތުގައި އޭނާ މަތިން ހަނދާން އާކުރާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

comment ކޮމެންޓް