ޒިދާން އަންގަނީ ރޮނާލްޑޯ އަދި ބެންޒެމާ ވަރަށް އަވަހަށް ލަނޑުޖަހަން ފަށާނޭކަމަށް!

ރެއާލް މެޑްރިޑްގެ ފޯވަޑްލައިންގައި ހިމެނޭ އެންމެ މުހިއްމު ދެ ކުޅުންތެރީން ކަމަށްވާ، ކްރިސްޓިއާނޯ ރޮނާލްޑޯއާއި ކަރީމް ބެންޒެމާ -- ފޮޓޯ: ގެޓީ

ރެއާލް މެޑްރިޑްގެ އެންމެ މަޝްހޫރު ދެ ތަރީން ކަމަށްވާ، ކްރިސްޓިއާނޯ ރޮނާލްޑޯއާއި ކަރިމް ބެންޒެމާއަށް ކުރިމަތިވެފައިވާ ލަނޑު ނުޖެހުމުގެ ހިތްދަތި ދުވަސްތައް ނިމި، ވަރަށް އަވަހަށް އެ ދެކުޅުންތެރީންގެ ފަރާތުން ލަނޑުތައް ފެންނަން ފަށާނޭކަމަށް އެޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ރެއާލް މެޑްރިޑްގެ ފޯވާޑްލައިންގައި ހިމެނޭ އެންމެ މުހިއްމު ދެ ކުޅުންތެރީން ކަމަށްވާ ރޮނާލްޑޯއާއި ބެންޒެމާއަށް މި ސީޒަންގެ ލަ ލީގާގައި، އޮކްޓޫބަރު މަހުގެ މެދެއްހާ ހިސާބުން ފެށިގެން މިހާތަނަށް އައިއިރު ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މިކަމާގުޅިގެން މި ދެކުޅުންތެރީންނަށްވެސް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ. އެހެން ނަމަވެސް ކޯޗު ޒިދާން ބުނީ، މި މައްސަލައިގައި އެ ކްލަބުން އެއްވެސް ވަރަކަށް ނުވިސްނާ ކަމަށެވެ. އަދި އެކަމާހެދި ކޯޗުގެ ނިދިވެސް ނުގެއްލޭ ކަމަށެވެ.

ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން އާއި ކްރިސްޓިއާނޯ ރޮނާލްޑޯ-- ފޮޓޯ: ގެޓީ

ސްޕެނިޝް ލީގުގައި ރެއާލުން މިހާތަނަށް 11 މެޗު ކުޅެފައި ވާއިރު، ލީގުގައި ރޮނާލްޑޯއަށް ކާމިޔާބުކުރެވިފައި ވަނީ އެންމެ ލަނޑެކެވެ. އަދި ބެންޒެމާއަށް ވެސް މި ސީޒަންގެ ލީގުގައި ކާމިޔާބުކުރެވިފައި ވަނީ އެންމެ ލަނޑެކެވެ. މިއިން ކޮންމެ ކުޅުންތެރިއަކުވެސް ވަނީ ހަތް ލީގު މެޗުގައި ކުޅެފައެވެ.

އާދީއްތަ ދުވަހު ސްޕެނިޝް ލީގުގައި ލަސް ޕަލްމާސްއާ ދެކޮޅަށް ރެއާލް ކުޅުނު މެޗުން 3-0 ލަނޑުން އެޓީމު މޮޅުވި ނަމަވެސް، އެ މެޗުގައިވެސް ރޮނާލްޑޯއަށްވެސް އަދި ބެންޒެމާއަށް ވެސް ލަނޑެއް ކާމިޔާބުކުރުމުގެ އުފަލެއް ނުލިބުނެއެވެ. އަދި މެޗު ކުރިއަށް ދިޔަވަގުތު، ރެއާލްގެ ސަޕޯޓަރުން ބެންޒެމާއާ ދިމާކޮށް ހޭރުވަމުން ދިޔަ މަންޒަރުވެސް ފެނުނެވެ.

މި ދެކުޅުންތެރީންނާ ގުޅޭގޮތުން ރިޕޯޓަރުންގެ ސުވާލުތަކަށް ޖަވާބުދެމުން ޒިދާން ބުނީ، މި ސީޒަންގެ ލަ ލީގާއަށް ބަލައިފި ނަމަ، އެ ދެކުޅުންތެރީން ޖެހި ލަނޑުތަކެއް ފެންނާން ނެތަސް އެ ކުޅުންތެރީންގެ ކުޅުމަށް ހަމަ ތައުރީފް ހައްގު ކަމަށެވެ.

"ލަނޑު ނުޖެހޭތީ އެ ކުޅުންތެރީންވެސް ދެރަވޭ. އެހެން ނަމަވެސް އެ ކުޅުންތެރީންގެ މަސައްކަތް ފާހަގަކުރާން ޖެހޭ. މާކޯ އެސެންސިއޯ އިސްކޯ އަދި ކަސެމީރޯއަށް ލަނޑުޖަހާނޭ ފުރުސަތު ތަނަވަސްކޮށްދިނީ ރޮނާލްޑޯއާއި ބެންޒެމާ،" ޒިދާން ބުންޏެވެ.

ޒިދާން ބުނީ، ރޮނާލްޑޯއާ ބެންޒެމާއަށް ލަނޑު ނުޖެހޭ މައްސަލައިގައި ޓީމު ތެރޭގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށާއި ހާލަތު ރަނގަޅު ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ދެކުޅުންތެރީންގެ ފަރާތުން ލަނޑުޖަހާ މަންޒަރު ފެނިގެން ދާނޭކަން ޔަގީން ކުރެވޭކަމަށްވެސް ރެއާލްގެ ކޯޗު ބުންޏެވެ.

comment ކޮމެންޓް