ކޮލިފައިންގައި ރާއްޖޭގެ ޒުވާން ޓީމު ކުޅުނު ފަހު މެޗުން ވެސް ބަލި ވެއްޖެ

އޭއެފްސީ 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރާއްޖޭގެ ޒުވާން ޓީމާއި ބަންގްލަދޭޝް ބައްދަލު ކުރި މެޗުގެ ތެރެއިން--

ތަޖިކިސްތާނުގައި މިހާރު ކުރިޔަށްދާ އޭއެފްސީ 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރާއްޖޭގެ ޒުވާން ޓީމު ކުޅުނު ފަހު މެޗުން ވެސް އެ ޓީމު ބަލި ވެއްޖެއެވެ.

ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު މި މެޗުން ރާއްޖޭގެ ޒުވާން ޓީމު ބަލިވީ 0-5 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ކުރިން ޒުވާން ގައުމީ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން އުޒްބެކިސްތާނު އަތުން 0-6 އިން ބަލިވެ، ބަންގްލަދޭޝް އަތުން 1-0 އިން ބަލިވިއިރު، ސްރީލަންކާއާ ވަނީ 2-2 އިން އެއްވަރުވެފައެވެ.

މެޗުގައި ތަޖިކިސްތާނުގެ ފުރަތަމަ ލަނޑު ފެނިގެން ގޮސްފައި ވަނީ މެޗުގެ 41 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޝަރްވޮނީއެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތު ޕަޝާންބޭ ވަނީ އިތުރު ލަނޑެއް ޖަހައި ތަޖިކިސްތާނުގެ ލީޑު ފުޅާ ކޮށްދީފައެވެ.

ތަޖިކިސްތާނުގެ ތިން ވަނަ ލަނޑު 73 ވަނަ މިނެޓުގައި ޝެރިޑިން ޖަހައިދިން އިރު، އޭގެ ހަތް މިނެޓުގައި ފަހުން ޝެރްވޮނީ ވަނީ މެޗުގައި އޭނާގެ ދެވަނަ ލަނޑު ޖަހައި ތަޖިކިސްތާނުގެ ހަތަރު ވަނަ ލަނޑު ޖަހައިދީފައެވެ. އަދި އެ ޓީމުގެ ފަސް ވަނަ ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ސަހްރޯމްއެވެ.

ގްރޫޕް ބީގެ އެއް ވަނައިގައި އުޒްބެކިސްތާން އޮތީ ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ތަޖިކިސްތާނަށް ތިން މެޗުން ލިބެނީ ހަތް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ބަންގްލަދޭޝަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ރާއްޖެ އާއި ފަސް ވަަނައިގައި އޮތް ލަންކާއަށް ވަނީ އެއް ޕޮއިންޓް ލިބިފައެވެ.

މި ގްރޫޕުން އެއްވަނަ ލިބޭ ޓީމެއް ޔަގީން ވެގެން ދާނީ މާދަމާ އުޒްބަކިސްތާނާއި ތަޖިކިސްތާން ކުޅޭ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ.

comment ކޮމެންޓް