މޮރާޓާގެ ލަނޑުން ޔުނައިޓެޑް އަތުން ޗެލްސީއަށް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ކޮޅަށް ލަނޑު ޖެހުމަށްފަހު ޗެލްސީގެ މޮރާޓާ އުފާފާޅުކުރަނީ: އެ މެޗުން ޗެލްސީ މޮޅުވީ 1-0 ލަނޑުން --- ފޮޓޯ/ އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި އަލްވާރޯ މޮރާޓާގެ ލަނޑުން މެންޗެސްޓާ ޔުނައިޓެޑް އަތުން ޗެލްސީ މޮޅުވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޔުނައިޓެޑްގެ މައްޗަށް ޗެލްސީން ކުރި ހޯދާފައި ވަނީ 1-0 ލަނޑުގެ ނަތީޖާ އަކުންނެވެ.

ލީގު ތާވަލަށް ބަލައިލާ އިރު، ޗެލްސީ އޮތީ ކުޅުނު 11 މެޗުން ލިބުނު 22 ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައިގައެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ތިން ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއަށް ވެސް 11 މެޗުން ލިބިފައި ވަނީ 23 ޕޮއިންޓެވެ. މިރޭގެ މެޗުން ޔުނައިޓެޑް ބަލިވުމުން ތާވަލުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ވަނީ އަށް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ.

މިރޭ ކުޅުނު މެޗުގެ ކުރީކޮޅު ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ އަށް ވަނަ މިނެޓުގައި ޔުނައިޓެޑްގެ މާކަސް ރަޝްފާޑަށް ލިބުނު ފުރުސަތު، ޗެލްސީގެ ކީޕަރު ތިބައުޓް ކޯޓުވާގެ ސަބަބުން ބޭނުން ނުހިފުނު އިރު، މެޗުގެ 11 ވަނަ މިނެޓުގައި ޗެލްސީއަށް ލިބުނު ފުރުސަތުން ތިއެމޯ ބަކަޔޯކާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

އޭގެ ފަހުން ވެސް ފުރަތަމަ ހާފުގެ ތެރޭގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. ދެ ޓީމަށް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް، މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގައި ޗެލްސީގެ ސްޕެއިން ފޯވަޑް މޮރާޓާ ކާމިޔާބުކުރި ލަނޑު ފެނިގެންދިޔައީ މެޗުގެ ދެ ވަނަ ހާފު ފެށިތާ ދިހަ މިނެޓް ފަހުންނެވެ. މޮރާޓާ އެ ލަނޑު ކާމިޔާބުކުރީ ސެސާ އަޒްޕްލުކުއެޓާ ނަގައިދިން ހުރަހަކުންނެވެ. ޔުނައިޓެޑުގެ ގޯލުގެ ތެރެއަށް މޮރާޓާ ބޯޅަ ފޮނުވާލި އިރު، އޭނާއަށް ޔުނައިޓެޑްގެ ޑިފެންޑަރުންގެ އުނދަގުލަކާ ކުރިމަތިވެފައެއް ނުވެ އެވެ.

މޮރާޓާގެ އެ ލަނޑަށް ފަހު ވެސް ޗެލްސީއަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. މެޗުގެ 75 ވަނަ މިނެޓުގައި ޗެލްސީގެ ބަކަޔޯކޯ ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ގޯލާ އަމާޒު ނުވި އިރު، އޭގެ މިނެޓެއް ފަހުން އެޑެން ހަޒާޑް ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެ ހެއާ ވަނީ މަތަކޮށްފައެވެ.

comment ކޮމެންޓް