ޕީޕީއެމުން ވަކިކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރުން އެ ޕާޓީން ވަކިކޮށް މަޖިލީހަށް އަންގައިފި އެވެ.
ޕީޕީއެމްގެ ސޫލޫކީ ކޮމެޓީން އެ ޕާޓީން ވަކިކުރުމަށް ނިންމާފައި ވަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހެވެ.
އިލެކްޝަންސް ކޮމިޝަނުގެ ސެކެޓްރީ ޖެނަރަލް އަހުމަދު އަލީ 'ސަން' އަށް ވިދާޅުވީ ޕީޕީއެމުން އެދުނު ގޮތަށް އެ ތިން މެމްބަރުން ވަކިކުރުމަށް ފަހު މަޖިލީހަށް އެކަން އަންގާފައިވާ ކަމަށެވެ.
މުސްތަފާ އާއި ސައުދުﷲގެ އިތުރުން ޝާހު ޕީޕީއެމުން ވަކިކޮށްފައި ވަނީ ސުލޫކީ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލަތަކެއް ބަލުމަށް ފަހު އެ ކޮމެޓީގެ އިއްތިފާގުން ކަމަށް އެ ޕާޓީން ބުނެ އެވެ.
ޕީޕީއެމުން އެ ތިން މެމްބަރުން ވަކިކުރަން ނިންމާފައިވާ އިރު މީގެ ކުރިން ވަނީ މުސްތަފާ އާއި ސައުދުﷲ ޕީޕީއެމުން ވަކުކޮށްދިނުމަށް އެދި އެ ދެ މެމްބަރުން ޕާޓީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގައި ވެސް އެދިފަ އެވެ. ނަމަވެސް އޭރު އެ ޕާޓީން ބުނެފައި ވަނީ ދެ މެމްބަރުންގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދަތީ އެ މައްސަލަތައް ބަލައި ނިމުމުން ގޮތެއް ނިންމާނެ ކަމަށެވެ.
ޕީޕީއެމުން މިހާތަނަށް ވަނީ ވިލިނގިލީ ދާއިރާ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އަހުމަދު މަނިކުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު އާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އެ ޕާޓީން ވަކިކޮށްފަ އެވެ. އަދި އެ މެންބަރުންގެ ގޮޑި ހުސްވެފައިވާ ކަމަށް ނިންމައި އިލެކްޝަން ކޮމިޝަނުން ވަނީ ބައި އިލެކްޝަންތައް ކުރިއަށް ގެންދިއުމަށް ނިންމައިފަ އެވެ.