ދިވެހި ސިނަމާތަކުގައި މިއަހަރު އެންމެ ފޯރި ނެގި އެއް ފިލްމުކަމަށްވާ "ނޯޓީ40"ގެ ދެވަނަ ބައި "40+" އާއެކު އިތުރު ތިން ފިލްމެއް 2018 ވަނަ އަހަރު ނެރުމަށް އަމާޒުކޮށް، ލޯންޗުކޮށްފިއެވެ.
ޔޫއްޕެގެ "ދެވަންސޫރަ"އިގެ ފަސްޓުލުކް ލޯންޗުކުރުމަށް، "ދަ މެލްރޯސް"ގައި ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި މި ހަތަރު ފިލްމު ލޯންޗުކޮށްދިނީ، ފިލްމީ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ އަދި މިހާރުވެސް މިދާއިރާގައި މަސައްކަތްކުރަމުން އަންނަ އާރިފާ އިބްރާހިމް އެވެ.
ޖުމުލަ 18 ތަރީންނާއެކު "އަހަރުގެ ބޮޑު ފިލްމު"ގެ ގޮތުގައި މިއަހަރުގެ އޯގަސްޓް 2 ވަނަ ދުވަހު ރިލީޒްކުރި "ނޯޓީ40"ގެ ކާމިޔާބީއަށް ފަހު، "40 ޕްލަސް" ވެސް ޕްރޮޑިއުސް ކުރަނީ، ކާމިޔާބު ޕްރޮޑިއުސަރު އިސްމާއީލް ޝަފީގެވެ. މި ފިލްމުވެސް ޑައިރެކްޓް ކުރާނީ މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ)އެވެ.
ޔޫއްޕެގެ އަމިއްލަ ސްކްރީން ޕްލޭއަކަށް ތައްޔާރުކުރާ "40+"ގައި ވެސް މެއިން ކާސްޓުންގެ ގޮތުގައި ފެނިގެން ދާނީ، ނޯޓީ40ގެ ވެސް ލީޑުން ފެނިގެން ދިޔަ، ޔޫއްޕެ، އަހްމަދު ސައީދު، މުހައްމަދު މަނިކު އަދި އަލީ ސީޒަން އެވެ. މީގެ އިތުރުން، ނޯޓީ40ގެ ކުޅަދާނަ ބަޠަލާ ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް އަދި ޔޫއްޕެގެ "ދެވަންސޫރަ"އިން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ މަރިޔަމް ޝިފާ ވެސް "40+"ގައި ހަރަކާތްތެރިވާނެއެވެ.
ވަކި ތާރީޚެއް ހާމަނުކޮށް، 2018 ވަނަ އަހަރުގެ ތެރޭގައި ރިލީޒްކުރާގޮތަށް ރޭ ލޯންޗުކުރި ހަތަރު ފިލްމަކީވެސް، ޔޫއްޕެ ޕްރޮޑަކްޝަންސް، ސްޓޫޑިއޯ ގްރީން، އެޕެކްސް ޕިކްޗާސް، ޝައި ޕްރޮޑަކްޝަންސް އަދި ބްލެކް މީޑިއާ އިންކް ގުޅިގެން ތައްޔާރުކުރާ ފިލްމުތަކެކެވެ.
މީގެ ތެރޭގައި ހިމެނޭ އަނެއް ތިން ފިލްމަކީ، އަޒޫ، ފައިސަލް އަދި އަހްމަދު ޝާހް ލީޑުރޯލުން ފެނިގެންދާ "ކަޅިކި" އެވެ. މި ފިލްމަކީވެސް ޔޫއްޕެގެ ސްކްރީން ޕްލޭއަކަށް އޭނާ ޑައިރެކްޓްކުރާ ފިލްމެކެވެ.
ރޭ ލޯންޗުކުރި އަނެއް ފިލްމަކީ، "ނަފުސު" ކިޔާ ފިލްމެކެވެ. އަހްމަދު ޒަރީރްގެ ސްކްރީން ޕްލޭއަކަށް އަލީ ޝަޒްމީލް ޑައިރެކްޓް ކުރާ މި ފިލްމުގެ ލީޑުރޯލުން ފެނިގެން ދާނީ، ޔޫއްޕެ، އަޒޫ އަދި އަހްމަދު ނިމާލެވެ.
އަންނަ އަހަރު ނެރުމަށް އަމާޒު ހިފައި ރޭ ލޯންޗުކުރި އަނެއް ފިލްމަކީ "ހައްޔަރު" ކިޔާ ފިލްމެކެވެ. މަރިޔަމް ޝިފާ، ދޮން އައްޔަ، އަދި މުހައްމަދު ފައިސަލް ލީޑުން ފެނިގެންދާ "ހައްޔަރު"އަކީ ޔޫއްޕެގެ ސްކްރީން ޕްލޭއަކަށް މުހައްމަދު ފައިސަލް ޑައިރެކްޓްކުރާ ފިލްމެކެވެ.