ޕީޕީއެމުން ވަކިކުރަން ނިންމި ކަމަށް ބުނާ ތިން މެންބަރުންނަކީ އެ ޕާޓީގެ މެންބަރުން ނޫން ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ޕީޕީއެމުން ވަކިވެފައިވާ ކަމަށް އެ ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމައި އެކަން ވަނީ މިއަދު އިލެކްޝަންސް ކޮމިޝަނަށް އަންގައިފައެވެ.
އެކަމާ ގުޅިގެން އިދިކޮޅު ސިޔާސީ ޕާޓީތަކުން ނެރުނު މިއަދު ބަޔާނެއްގައި ބުނެފައި ވަނީ އެ ތިން މެންބަރުންނަކީ ޕީޕީއެމްގެ މެންބަރުން ނޫން ކަމަށާ ޕާޓީ އިން ވަކިވެފައިވާ މެންބަރުންތަކެއް އަލުން ވަކި ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު ގެ 15 ވަނަ މާއްދާގެ (ނ) ގައި ޕާޓީގެ ކޮންމެ މެމްބަރަކަށްވެސް ކުރިން ނޯޓިސް ދިނުމަކާއި ނުލައި ޕާޓީން ވަކިވެވިދާނެ ކަމަށް ބަޔާންކޮށްފައި ވާކަމަށާ ޕީޕީއެމްގެ އަސާސީ ޤަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގެ 2 ގައި ޕާޓީގެ މެމްބަރަކު ޕާޓީން ވަކިވާން އެދުމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. މެންބަރު މުސްތަފާ، ޝާހު އަދި ސައުދުﷲ އަކީ ޕީޕީއެމް އިން ވަކިވުމަށް އެދި ޖުލައި މަހުގެ 13 ވަނަ ދުވަހު އެ ޕާޓީ އަށް ސިޓީ ފޮނުވާފައިވާ މެންބަރުން ކަމަށް ބަޔާނުގައި ވެއެވެ.
ސިޔާސީ ޕާޓީތަކުގެ ގަވައިދާ ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާގޮތުން މި ތިންމެންބަރުން ޕާޓީ އިން ވަކިވުމަށް އެދޭ ހިސާބުން އެ މެންބަރުން ޕާޓީގެ މެންބަރު ކަމުން ވަކިވާނެ ކަމަށްވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބަޔާނުގައި ބުނެފައިވެއެވެ.
ޕީޕީއެމުން މިހާތަނަށް ވަނީ ވިލިނގިލީ ދާއިރާ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އަހުމަދު މަނިކުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު އާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އެ ޕާޓީން ވަކިކޮށްފަ އެވެ. އަދި އެ މެންބަރުން ގެ ގޮޑި ހުސްވެފައިވާ ކަމަށް ނިންމާ އިލެކްޝަން ކޮމިޝަނުން ވަނީ ބައި އިލެކްޝަން ބޭއްވުމަށް އިއުލާންކޮށްފަ އެވެ.