ތިން ވަނަ ޑިވިޝަން ފަށާ މެޗުގައި އަމީގޯސް އާއި އެމްއެންޑީއެފް

2016 ވަނަ އަހަރުގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވީކޭ އިން ހޯދުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ: ބޯޅަ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ބާއްވާ ތިން ވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތް ފަށާ މެޗުގައި ގްރޫޕް އެކެއްގެ ދެ ޓީމް ކަމަށްވާ ކުލަބް އަމީގޯސް އާއި އެމްއެންޑީއެފް ބައްދަލު ކުރަން ޖެހިއްޖެއެވެ.

އަންނަ ބުދަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިފަހަރު ޖުމްލަ 39 ޓީމެއް ބައިވެރިވެފައި ވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ 10 ގްރޫޕަކަށް ބަހާލައިގެންނެވެ.

އެފްއޭއެމްއިން ބުނީ، ގްރޫޕް އެކަކުން، ގްރޫޕް ނުވައަކާ ހަމައަށް ކޮންމެ ގްރޫޕެއްގައި ޖުމްލަ ހަތަރު ޓީމް ހިމެނޭ ކަމަށާއި ގްރޫޕް 10 އެއްގައި ހިމެނެނީ ޖުމްލަ ތިން ޓީމް ކަމަށެވެ. އަދި މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ރަނގަޅު ދެ ޓީމެއް ދެ ވަނަ ބުރަށް ދަތުރު ކުރާ ގޮތަށެވެ. އަދި ދެ ވަނަ ބުރު ކުރިއަށް ދާނީ ނޮކައުޓް އުސޫލުން ކަމަށް ވެސް އެފްއޭއެމުން ބުންޏެވެ.

އެ މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ހަވީރުގެ ވަގުތުގައެވެ. އަދި މެޗްތައް ކުޅޭނީ ޓާފް އެއް ނަންބަރު ދަނޑުގެ އިތުރުން ހެންވޭރު ދަނޑުގައި ކަމަށެވެ.

comment ކޮމެންޓް