ކުޅި ހިއްކުން ހުއްޓުވުމުގެ މައްސަލަ ކުޅުދުއްފުށީ ކޯޓުން ބަލައެއް ނުގަތް

ހދ. ކުޅުދުއްފުށީގައި އެއާޕޯޓު އަޅާ ސަރަހައްދު --- ފޮޓޯ: ވޮއިސް އޮފް ކުޅުދުއްފުށި

ހދ. ކުޅުދުއްފުށީ ކުޅި ހިއްކުން ހުއްޓުވުމުގެ އަމުރަކަށް އެދި ހުށަހެޅި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އެރަށު ކޯޓުން މައްސަލަ ހުށަހެޅި މީހާ އަށް އަންގައިފިއެވެ.

އެ މައްސަލަ ކުޅުދުއްފުށީ ކޯޓަށް ހުށަހެޅީ އެރަށު ޗަންޕާގެ މުހައްމަދު އާދަމެވެ.

ކުޅުދުއްފުށީ ކޯޓުން މުހައްމަދު އާދަމަށް ފޮނުވި ޖަވާބު ފޯމުގައި ވަނީ އޭނާ ދައުވާ ކުރާ ހައިސިއްޔަތެއް އެނގެން ނެތް ކަމަށެވެ.

ދައުވާއެއް ކޯޓަށް ބަލައިގަނެވޭނީ ދައުވާކުރުމުގެ ގާނޫނީ ހައިސިއްޔަތު އޮތްކަން ބަޔާންކޮށްދެވިގެން ކަމަށް ވެސް ޖަވާބުގައިވެއެވެ.

ކުޅުދުއްފުށީ ކުޅީގެ ބައެއް ހިއްކަނީ އެރަށުގައި އެއާޕޯޓެއް އެޅުމަށެވެ. ކުޅީގެ ބައެއް ހިއްކައިގެން އެއާޕޯޓު އަޅާތީ ބައެއް މީހުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

ކުޅުދުއްފުށީ ކުޅި ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. އެ ކުންފުނީގެ ކޮންނަ ބޯޓު، މަހާޖައްރާފް މިހާރު ވަނީ އެރަށަށް ބަނދަރުކޮށްފައެވެ.

comment ކޮމެންޓް