ސްޓެލްކޯއިން ހުޅުމާލޭގައި 80،000 ލީޓަރުގެ ދެ ތެޔޮ ޓޭންކު ބަހައްޓަނީ

ހުޅުމާލޭގައި ތެޔޮ ޓޭންކުތައް ބަހައްޓަން އެއްބަސްވުމުގައި ސޮއިކުރައްވަނީ --- ސްޓެލްކޯ

ކުރިއަސް އޮތް ހޫނު މޫސުމާއި ކަރަންޓުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ގާއިމުކުރާ ހުޅުމާލެ ޕަވާހައުސް، އެންކްސް ދޭއްގައި 80،000 ލީޓަރުގެ ދެ ތެޔޮ ޓޭންކު ބަހައްޓަން ސްޓެލްކޯއިން ނިންމައި، އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީއާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. ސްޓެލްކޯއިން ބުނީ، ތެޔޮ ޓޭންކުތައް ބަހައްޓަނީ ޕީކް ސީޒަނާއި މާލެ ޕަވާ ސްޓޭޝަންގެ ބެކަޕެއްގެ ގޮތުގައި ކަމަށެވެ.

ހުޅުމާލޭގައި ތެޔޮ ޓޭންކުތައް ބަހައްޓަން އެއްބަސްވުމުގައި ސޮއިކުރައްވަނީ --- ސްޓެލްކޯ

މިކަމާ ގުޅުން ހުރި އިތުރު ތަފުސީލުތައް ދެއްވައި، ސްޓެލްކޯގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ، އެތަނުގައި ބަހައްޓާފައި ހުރީ ޕީކް ސީޒަނަށް ތައްޔާރުވުމަށް ގެނައި ޖެންސެޓުތައް ކަމަށާއި ތެޔޮ ޓޭންކުތައް ބަހައްޓަނީ އެ ޖެންސެޓުތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދޭން ކަމަށެވެ.

މިހާރު ޖެންސެޓުތަކަށް ތެޔޮ ފޯރުކޮށްދޭން ވަގުތީ ހައްލެއް ހޯދާފައި ވީނަމަވެސް، މަހެއްހާ ދުވަހުގެ ތެރޭގައި ތެޔޮ ޓޭންކުތައް އެތަނުގައި ބެހެއްޓޭނެ ކަމަށް އެމްޑީ ފަހުމީ ވިދާޅުވިކަން އޮފިޝަލް ފާހަގަކުރެއްވިއެވެ.

ހޫނު މޫސުމާ ރޯދަ މަހާ އެއް ދުވަސްވަރަކަށް ދިމާވާތީ، ކަރަންޓު ބޭނުންކުރަ މިންވަރު އިތުރުވާން މަގުފަހިވެއެވެ. އެހެންވެ، ސްޓެލްކޯއިން ވަނީ 12 ޖެންސެޓު ގެނެސް މާލެ ސަރަހައްދުގައި އިންސްޓޯލްކުރަން ފަށާފައެވެ. މި ޖެންސެޓުތަކުން 17 މެގަވޯޓުގެ ކަރަންޓު އުފެއްދޭނެ ކަމަށް ސްޓެލްކޯއިން ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް